އެއީ މުސްލިމުންގެ އެންމެ ފުރަތަމަ ގިބްލަ އެވެ. ދީނުގައި މާތް ކުރައްވާފައިވާ އެއް ބިމެވެ. އެތައް ރަސޫލުންނަކާއި އެތައް ނަބިއްޔުންނެއް އެ ބިމުން ފާޅުވި މުގައްދަސް ބިމެކެވެ. އެއީ ފަލަސްތީނުގެ ބިމެވެ. މަސްޖިދުލް އަގްސާގެ މާތް ބިމެވެ.

ޔަހޫދީން އެ ބިމުގައި ތިބި މުސްލިމުން ޝަހީދުކޮށް އެ ބިމުގެ މައްޗަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މުސްލިމް އުއްމަތް ތިބީ ނިދާފަ އެވެ. ވަރުގަދަ އަރަބި ލީޑަރުން ތިބީ ހަނުހުރުމުގެ ނަދުރެއްގައި ކަހަލަ އެވެ.

މި ހާލަތުގައި އަމިއްލަ ޖާނާއި ފުރާނައިން ގުރުބާން ވަމުން އަންނަނީ މުސްލިމުންގެ ދިފާއުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ހިތްވަރުގަދަ މުޖާހިދުންނެވެ. އަދި އެ ޖަމާއަތާއެކު ނުކުމެފައިވާ އެހެނިހެން ބައެއް ޖަމާއަތްތަކެވެ. އެހެން ނަމަވެސް އެއާއެކު އުފެދޭ ސުވާލަކީ މަސްޖިދުލް އަގްސާއާއި ފަލަސްތީނުގެ ބިން ހިމާޔަތް ކުރުމަކީ ހަމައެކަނި ހަމާސްގެ ޒިންމާއެއްތޯ ކުރެވޭ ސުވާލެވެ.

އަރަބި މުސްލިމް ގައުމުތަކަކީ އަސްކަރީ ބާރުގެ ގޮތުން ދެރަ ގައުމުތަކެއް ނޫނެވެ. ފަހަތުގައި މުސްލިމު ނޫނަސް އަސްކަރީ ބާރު ވަރުގަދަ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތައް ވެސް އެބަތިއްބެވެ. ވީއިރު އެ ހުރިހާ ގައުމަކުން އެއްބަސް ކިޔައި ޔަހޫދީ ޖައްބާރު އިޒްރޭލާ ދެކޮޅަށް ނުނުކުމެމޭންވީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

ޔަހޫދީންގެ ފަހަތުގައި ދުނިޔޭގެ ވެރިން ކަމަށް ދައުވާކުރާ އެމެރިކާ އެބައޮތެވެ. ހަނގުރާމައަށްޓަކައި މިލިއަނުން އަސްކަރީ އެހީ ފޮނުވަމުންދާއިރު ދުނިޔެއަށް އެއީ ގޯހަކަށް ނުވެ އެވެ. އެކަން ކުށްވެރި ކުރާނެ ބަޔަކު ވެސް ނެތެވެ. ވީއިރު އަރަބި ބާރުތަކުން އަމަލީ ގޮތުން ފަލަސްތީނަށް އެހީނުވާންވީ ސަބަބެއް އޮތް ކަމަކަށް ނުދެކެމެވެ.

ދުވަހަކަށް ވުރެ ދުވަހެއް ޣައްޒާގެ ބިމުގައި ފެތުރޭ ލޭގެ ކޯރު ދަނީ ބޮޑުވަމުންނެވެ. ހަނގުރާމައިގެ ހިޔަނީގައި އެތައް މިލިއަން އާއިލާއެއް ބިކަވެ، އެތައް ހާސް ކުޑަކުދިންނެއް ދުނިޔެއާ ވަކިވެފައިވާއިރު އެ މަންޒަރު ދެކޭނެ ލޮލެއް މެދުއިރުމަތީގައި ނެތް ފަދަ އެވެ.

ބޮޑުވަރަކަށް މުސްލިމު ބާރުތަކަށް ކުރެވުނު ކަމަކީ ޔަހޫދީންގެ އަމަލުތައް "ހަރުކަށި އިބާރާތުން" ކުށްވެރި ކުރުމެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހިނގާލުމެއް ބޭއްވުމެވެ. ނަމަވެސް މިއީ ފުދޭވަރުތޯ އެވެ؟ ޔަހޫދީންގެ ކުރިމަތީގައި އެގައުމުތައް ކުޑަކަކޫ މައްޗަށް ތިރިވެފައިވާ ފަދަ އެވެ.

މި މައްސަލާގައި އެންމެ ޚަރުދަނާ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައިވަނީ މިދެންނެވި އަރަބި މުސްލިމް ގައުމުތަކަށްވުރެ ބޮޑަށް ޣައިރު މުސްލިމް ސަރުކާރުތައް ހިންގާ ގައުމުތަކުންނެވެ. ބައެއް ގައުމުތަކުން ޔަހޫދީންނާ ގުޅުން ކަނޑާލާފައިވާއިރު ބައެއް ގައުމުތަކުން ޔަހޫދީންގެ ސަފީރުން ފޮނުވާލައިފި އެވެ.

ކޮންމެއަކަސް ހަނގުރާމަ އަވަހަށް ނިންމާނެ ކަމަށް ޔަހޫދީން ނުބުނެ އެވެ. ވީއިރު މުސްލިމް ބާރުތަކުން މިކަމުގައި ހަމާސްއަށް އެހީވާން އެބަޖެހެ އެވެ. އެހެނީ މަސްޖިދުލް އަގުސާއާއި ފަލަސްތީނުގެ ބިން ހިމާޔަތް ކުރުމަކީ ހަމައެކަނި ހަމާސްގެ ޒިންމާއެއް ނޫނެވެ.