ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެން ފުލުހުންގެ އިދާރާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބުދުލް މަންނާނު ޔޫސުފާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މުވައްސަސާ ހިންގުން މަންނާނާއި ވަގުތީގޮތުން ހަވާލުކުރެއްވުމަށް ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު ސޮއިކުރައްވައި ނެރުއްވި ދެންނެވުމެއްގައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައަމަދު ހަމީދު ރިޓަޔާ ކުރައްވާފައިވާތީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮމިޝަނަރެއް އައްޔަން ކުރެވެންދެން އިއްޔެ އިން ފެށިގެން ސީޕީގެ މަސްއޫލިއްޔަތު އަދާކުރައްވާނީ މަންނާނު ކަމަށް ހޯމް މިނިސްޓަރު އިމްރާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މަންނާނަކީ ކުރިން ފުލުހުންގެ ވަޒީފާ އިން ވަކި ކުރުމަށް ފަހު އަލުން ވަޒީފާ ދިން އޮފިސަރެކެވެ. މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ނޮވެމްބަރު 19، 2018 ގަ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ދެން އައްޔަން ކުރައްވާނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.