ރާއްޖޭގެ ދެކުނުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ހަވާލުކޮށްފި އެވެ.

ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްއާ ހަވާލުކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލާ ޝައިހް ޑރ. އަލީ ޒާހިރު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ޔުނިވާސިޓީގެ މަސައްކަތްތައް ފުޅާ ކުރުމާ ޔުނިވާސިޓީގެ ކަންތައްތައް ހަރުދަނާ ކުރުމާ އިސްލާމީ ޔުނިވާސިޓީ އަށް އާ އިމާރާތެއް ހޯދުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެފިފެސްޓޯގައި ހިމަނާފައި އޮތް ކަމެއް ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ރާއްޖޭގެ އަތޮޅުތަކަށް ފަށައިގެން ކުރިއަށްގެންދެވޭނެ ގޮތް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އައިޔޫއެމްގެ މެނޭޖްމަންޓާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބޮތް އައިޔޫއެމްގެ މެނޭޖްމަންޓަށް. ރަނގަޅުގޮތުގައި މިކަންކަން ކުރިއަށް ނުގެންދެވޭ ނަމަ އަޅުގަނޑުމެން މިކަންކަން އަނބުރާ ނަގާނަށް ނަގާފަ މިކަންކަން ކުރިއަށް ގެންދެވޭ ބަޔަކާ ހަވާލު ކުރާނަން،" ޝަހމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ކަންކަން ދަމަހައްޓާ އެންމެ މަތީ އިދާރާއަކީ އިސްލާމީކް މިނިސްޓްރީ ކަމަށްވުމާއެކު އެހެނިހެން އިސްލާމީ ޖަމިއްޔާތަކާ ކުއްލިއްޔާތަކަށް އެހީތެރިވުމަކީ އެއީ އިސްލާމިކް މިނިސްޓްރީގެ އެންމެ މަތީ މަގްސަދަށްވާން ޖެހޭނެ ކަމަށެވެ.