ގެސްޓް ހައުސް ވިޔަފާރިއަކީ މިއަދު ރާއްޖޭގައި ވެސް ފައްކާ ވަމުން އަންނަ ވިޔަފާރި އެކެވެ. އެހެން ނަމަވެސް މި ވިޔަފާރީގެ ތާރީހަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިއަށް ލިޔެވޭ ތާރީހެކެވެ.
މިއަދު ދުނިޔޭގައި ހިންގަމުން އަންނަ އެންމެ ގިނަ ދުވަސްވީ ގެސްޓް ހައުސްގެ ތާރީހަށް ބަލާލުމުން ވެސް އެކަން އެނގެ އެވެ. ޖަޕާނުގެ އެންމެ ހިތްގައިމު އެއް ހިސާބުގައި ހުންނަ "ނިޝިޔާމާ އޮންސެން ކެއިއުންކުން" ނަމަކަށް ކިޔާ އެ ގެސްޓް ހައުސްއަކީ 1300 އަހަރުވެފައިވާ ގެސްޓް ހައުސް އެކެވެ.
ބުނެވޭ ގޮތުގައި އެ ގެސްޓް ހައުސް އިމާރާތްކުރީ މީލާދީން 705 ވަނަ އަހަރު ޖަޕާނިޝިޔާމާ އޮންސެން ކެއިއުންކުންނުގައި އޭރު ދިރިއުޅުނު ނުފޫޒުގަދަ އާއިލާއަކުންނެވެ.
އެއަށްފަހު އެ އާއިލާގެ 52 ޖީލުގެ މެމްބަރުން އެ ގެސްޓްހައުސް ހިންގުމާ ހަވާލުވެ މަސައްކަތް ކޮށްފައިވާއިރު މިއަދުވެސް އެ ގެސްޓް ހައުސް ހިންގަނީ ހަމަ އެއާއިލާގެ މެމްބަރުންނެވެ.
"ނިޝިޔާމާ އޮންސެން ކެއިއުންކުން" ހުންނަ ސަރަހައްދުގެ ގޮތުން އެއީ އެތަނަށް ޒިއާރަތްކުރާ މީހުންނަށް ޖަޕާނުގެ ގުދުރަތީ ރީތިކަމާއި ފުރިހަމަކަން އެންމެ ރީއްޗަށް ފެންނާނެ އެއް ތަނެވެ.
2011 ވަނަ އަހަރު ދުނިޔޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ގެސްޓް ހައުސްގެ ގޮތުގައި އެގެސްޓް ހައުސް ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމުން ކުރިން ފޮރުވިފައި އޮތް އެ ތަނަށް އަންނަ މީހުންގެ އަދަދު އިތުރުވާން ފެށި އެވެ. މިއަދު އަހަރެއްގެ މައްޗަށް އެތައްހާސް މީހުންނެއް އެތަނަށް ޒިއާރަތް ކުރެ އެވެ.
ޖަޕާނަކީ ދުނިޔޭގެ އެންމެ ދުވަސްވީ ވިޔަފާރިތައް މިހާރުވެސް އެންމެ ގިނައިން ހިންގަމުން އަންނަ ގައުމެވެ. އެކަމުގެ ފަހަތުގައި ވަނީ އެގައުމުގެ ރައްޔިތުން އާއިލީ ތަރިކައަށް ދޭ އަހައްމިއްޔަތު ކަމެވެ.