2023 ވަނަ އަހަރަކީ ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ އަހަރެކެވެ. މި އަހަރަކީ އެދާއިރާގެ ނަން މަޝްހޫރު ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާން އެކަކު އަނެކަކުގެ ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނުނު އަހަރެކެވެ.

އެއާއެކު އެ ދެމީހުން އެކުގައި އެއް ފިލްމަކުން ފެނުމަށް ބޭނުންވެ ބެލުންތެރިން ކުރާ ޑިމާންޑް ވަނީ އިތުރުވެފަ އެވެ. އެހެން ކަމުން މި ދެތަރިންނާއެކު "ޓައިގާ ވާސަސް ޕަތާން" ނެރޭނެ ކަމަށް ހަބަރުތައް މިހާރު މިވަނީ އަރާފަ އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ސަލްމާން ބުނީ ކެމެރާގެ ކުރިމަތިން އެ ދެމީހުން ގުޅުން އެހާ ރަނގަޅުކަމަށް ފެންނައިރު ކެމެރާގެ ފުރަގަހުގައި އެމީހުންނަކީ އެއަށްވުރެ ވެސް ގާތް ދެ ރަހުމަތްތެރިން ކަމަށެވެ.

"ބެލުންތެރިނަށް ކެމެރާ ކުރިމަތިން އެ ފެންނަނީ ކެމެރާގެ ފުރަގަހުން އަހަރުމެންގެ މެދުގައި އޮންނަ ގާތްކަމުގެ ނަތީޖާ" ސަލްމާން ބުނެފައިވެ އެވެ.

ސަލްމާންއާއި ޝާހްރުކް ޚާން އެންމެ ފުރަތަމަ އެކުގައި ފެނިފައިވަނީ 1995 ވަނަ އަހަރު ނުކުތް "ކަރަން އަރްޖުން"އިންނެވެ. އޭގެ ފަހުން ދެ މީހުންވެސް އެކަކު އަނެކަކުގެ ބައެއް ފިލްމުތަކުގައި ހާއްސަ ފެނިލުންތަކުން ފެނިފައިވެ އެވެ.