މި ސަރުކާރުގެ ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ނިންމަވައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މިނިސްޓަރު ރަމީލާ މިއަދު ފޭސްބުކުގައި ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި އަދި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ.

އަދި އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން،" މިނިސްޓަރު ރަމީލާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ވިދާޅުވި އެވެ.

ވަޒީރަކަށް އައްޔަން ކުރުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ. މީގެ ކުރިން އޭނާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވާފަ އެވެ.