ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަމަށް މިދިޔަ ހަފްތާގައި އައްޔަންކުރި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ ޕީސީބީގެ މެމްބަރު ކަމުން ވަކިކޮށްފި އެވެ.
މުގުނީ ޕީސީބީގެ ބޯޑު މެމްބަރު ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީސީބީ ބޯޑު އަލުން އެކުލަވާލައި މެމްބަރުން އައްޔަން ކޮށްފަ އެވެ. އަލަށް ޕީސީބީ ބޯޑު އެކުލަވާލި އިރު މުގުނީއެއް ނުހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސް މުއިއްޒު ޕީސީބީ އަލުން އެކުލަވާލި އިރު މުގުނީ ޕީސީބީގައި ނުހިމެނުއްވީ ސަރުކާރުގެ އެހެން މަގާމަކަށް އެބޭފުޅާ ވަޑައިގަންނަވާތީ ކަމަށެވެ.
އެކަމާ ގުޅޭ ތަފްސީލެއް ރައީސް އޮފީހުން ނުދެ އެވެ.
މުޣުނީ އަކީ އެމެރިކާގެ ބްރޭންޑައިސް އިންޓާނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.
މުޣުނީ އެންމެ ފަހުން ހުންނެވީ އެވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތައް އޭނާ ފުރުއްވާފައިވެ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެއްދި ބޯޑެކެވެ.