ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވޭ އެކްޓަރު އަމީތާބް ބައްޗަން ހުށަހަޅައިދޭ މަޝްހޫރު ގޭމް ޝޯ "ކޯން ބަނޭގާ ކްރޯޕަތީ"ގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ސުވާލެއް ހިމަނައިފި އެވެ.

ސޮނީ ޓީވީއިން ގެނެސްދޭ މިޝޯގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ސުވާލެއް ވަނީ ހިމަނާފަ އެވެ.

އަމީތާބް އެ ޝޯގެ ބައިވެރިޔަކާ ކުރި ސުވާލަކީ "އިބްރާހިމް މުހައްމަދު ސޯލިހު ބަލިކޮށް މުހައްމަދު މުއިއްޒު ކާމިޔާބުކުރީ ކޮން ގައުމެއްގައި ސެޕްޓެމްބަރު 2023 ގައި ބޭއްވި ރިޔާސީ އިންތިހާބެއްގައިތޯ؟" އެވެ. މި ސުވާލުގެ ޖަވާބުގެ ގޮތުގައި އިހްތިޔާރުކުރަން ދިން ގައުމުތަކީ ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި ކޮމޮރޮސް އެވެ.

އެ ސުވާލުގެ ޖަވާބު ދެމުން ބައިވެރިޔާ ބުނީ މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ރާއްޖޭގައި ކަމަށެވެ. އޭގެ ސަބަބަކީ އިންޑިއާއާ ދެކޮޅު ކެމްޕޭން ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި 'އެންޓި އިންޑިއާ ޕޮލިސީ' ގެންގުޅޭނެ ކަމަށް ދުނިޔޭން ވެސް ގަބޫލުކުރި ކަމަށެވެ.

"މި ސުވާލުގެ ޖަވާބަކީ އޮޕްޝަން ޑީ، މޯލްޑިވްސް،" ޖަވާބު ދިމާކުރަމުން ބައިވެރިޔާ ބުންޏެވެ.

އެ ޝޯގައި އަމީތާބު ބުނީ ރާއްޖޭގެ ވެރިކަމަށް އައުމުގެ ކުރިން ރައީސް މުއިއްޒަކީ ވެރިރަށް މާލޭގެ މޭޔަރު ކަމަށެވެ.

އަމީތާބުގެ ޝޯ ގައި ރާއްޖެ އާ ގުޅޭގޮތުން ކުރި ސުވާލު

މީގެ ކުރިން ވެސް މިޝޯގައި ރާއްޖެއާ ބެހޭ ސުވާލެއް ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން ބާލާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއިރު، އެކަމުގެ އަމަލީ މަސައްކަތް ވެސް އެމަނިކުފާނު ވަނީ ފައްޓަވާފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމަށް ރަސްމީކޮށް އިންޑިއާގައި ސަރުކާރުން ވަނީ އެދިފަ އެވެ. ރައީސް އޮފީހުން ރާއްޖޭގައި 77 ސިފައިން ތިބި ކަމަށް ބުނި ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ އެ އަދަދު އިތުރުވެދާނެ ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުންނާއި ސިޔާސީ ފަރާތްތަކުން އޮޅުވާލައި، އެ ގައުމުގެ އާންމު ރައްޔިތުންނަށް ދައްކަން ބޭނުންވާ މަންޒަރަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ، ރާއްޖެއާއި ދިވެހި ރައްޔިތުން އެ ގައުމާ ދެކޮޅުވުންކަމުގެ ގޮތުގަ އެވެ.

ދިވެހިން ދެކޮޅީ އިންޑިޔާ އަކާ ނޫނެވެ. ދިވެހިން ދެކޮޅީ އެހެން ގައުމެކޭ ވެސް އެއްގޮތަށް، އިންޑިއާގެ ވެސް އަސްކަރީ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާ އެވެ.