ބޫޓާއި ފައިވާނަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުން އެންމެ އަގުބޮޑުކޮށް ގަންނަ އެކައްޗެވެ. އެހެން ނަމަވެސް ކިތަންމެ އަގުބޮޑުކޮށް ގަތަސް އެއީ އެންމެ ހިތްހަމަޖެހޭ ގޮތަށް ހުންނަ ބޫޓެއް ނުވަތަ ފައިވާނަކަށް ނުވެ އެވެ.

ބޫޓު އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ ނައިކީން މިވަނީ އަރާލަން ވަރަށް ފަސޭހަ އަދި ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވަނައިގެ ބޫޓެއް އުފައްދާފަ އެވެ.

މި ބޫޓު އުފައްދަން ނައިކަށް ހިޔާލު ލިބުނީ މިހާރު އުމުރުން 16 އަހަރުގެ މެޓް މެތިއު ވޯލްޒާގެ ފަރާތުންނެވެ.

މެތިއުއަކީ ދުވަސްނުފުރާ ވިހެއި ކުއްޖެކެވެ. އޭގެ ސަބަބުން އޭނާގެ ފުއްޕާމޭ އެއްކޮށް އުފެދިފައިނުވުމުގެ ސަބަބުން ސެރެބްރަލް ޕަލްސީއާ ކުރިމަތިވި އެވެ.

މުޅި އުމުރަށް ނުކުޅެދޭ މީހަކަށްވެ އަމިއްލައަށް ކަންތައް ކުރަން މެތިއުއަށް އުނދަގޫވާނެ ފެށި އެވެ.

މި އިހުސާސްތަކާއެކު 2012 ވަނަ އަހަރު، އޭނާގެ އުމުރުން 12 އަހަރުގައި ނައިކީއަށް ސިޓީއެއް ފޮނުވި އެވެ. އޭރު އޭނާ ތައްޔާރުވަމުން ދިޔައީ ކޮންމެވެސް ދުވަހަކުން ކޮލެޖަށް ދިއުމަށެވެ.

"އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ މީހަކު އަހަރެންގެ ބޫޓުގެ ނާޑުވާ އައްސަން ނުޖެހި އަހަންނަށް ކޮލެޖަށް ދެވުން. އަހަރެން އަބަދުވެސް އަރަނީ ނައިކްގެބާސްކެޓްބޯލް ޝޫޒް އަށް. އަހަންނަށް އޭންކަލް ސަޕޯޓު ބޭނުންވާތީ މި ނޫން ބޫޓަކަށް ނުވެސް އެރޭ. އަހަންނަށް މިހާރު 16 އަހަރު. އަމިއްލަ އަށް ހެދުންއަޅާ ހުރިހާ ކަމެއް ކުރެވޭ. އެކަމަކު އަމިއްލައަށް ބޫޓުގެ ނާޑުވާ ނުއެއްސޭ. މިކަމާ ދެރަވެ، ބައެއް ފަހަރު ލަދުވެސް ގަނޭ،" މެތިއު ލިޔުނެވެ.

ގޯ އޯޒީ ފްލައި ބޫޓު، މިއީ އަތްބޭނުންނުކޮާް އެރޭނެ ބޫޓެއް/ ފޮޓޯ: ނައިކް

މެތިއުގެ ކަންބޮޑުވުމަށް ނައިކުން ޖަވާބު ދިނީ އެމީހުންގެ "ނައިކް ފްލައި އީޒީ" ބޫޓުންނެވެ.

މި ސްނީކާ ޑިޒައިންކޮށްފައި ވަނީ އަމިއްލައަށް ބޫޓަށް އަރަން އުނދަގޫ މީހުންނަށް ހާއްސަކޮށެވެ.

މި ޑިޒައިން އިތުރަށް ތަރައްގީކޮށް "ނައިކީ ގޯ ފްލައި އީޒީ" ބޫޓު މިވަނީ ތައާރަފުކޮށްފަ އެވެ. މި ބޫޓުގައި ނާޑުވާ ނުހިމެނޭއިރު މެދަކާ ހިސާބުން ތަފާތު ބެންޑެއް ހުރެ އެވެ.

ގޯ އޯޒީ ފްލައި ބޫޓު، މިއީ އަތްބޭނުންނުކޮާް އެރޭނެ ބޫޓެއް/ ފޮޓޯ: ނައިކް

މި ބެންޑް ލެވިފައިވަނީ އަތް ނުލާ ހަމަ ފައި ކޮށްޕާލާ އިރަށް ލެވޭނެ ގޮތަށެވެެ.

ފްލައި އީޒީ ބޫޓުތައް އުފައްދާފައިވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ އެތުލީޓުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން ބުރަކޮށް އުޅޭ މަންމައިންނާއި އެކި ބަލިތަކުގެ ސަބަބުން ހެލިފެލިވެ އުޅުމަށް އުނދަގޫ މީހުންނަށް ވެސް މިއީ ވަރަށް އަރާމު ބޫޓަކަށް ވާނެ އެވެ.