މި ޒަމާނުގެ ޒުވާނުންގެ މެދުގައި ތުނބުޅިއަކީ އެމީހާގެ ސްޓައިލްއާއި ފެޝަން ހުންނަކަން އަންގައިދޭ އަދި މީހާގެ ފިރިހެންވަންތަކަންވެސް ދައްކުވައިދޭ އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރަށް މުހިންމު އެއްޗެކެވެ.

މިގޮތުން ބައެއް މީހުން ތުނބުޅި ނުފަޅައިގެން އުޅޭއިރު ތުނބުޅި ފަޅުވަން އެހީތެރިވެދިނުމަށް ކުރެވިދާނެ އެތައް ކަމެއްވެސް އެބަ ހުއްޓެވެ.

އެންމެ ފުރަތަމަ ކަމަކީ ކޮންމެ ހަފްތާއަކުވެސް ބަރާބަރަށް އެއް ފަހަރު މޫނުގެ ހަން އެކްސްފޯލިއޭޓް ކުރުމެވެ. މީގެ އިތުރުންވެސް މޫނުގެ ހަން ވީހާވެސް ސާފު ތާހިރުކޮށް ބެހެއްޓުމަކީ ތުނބުޅި ދިގުވުމަށް އެހީތެރިވެދޭ ކަމެކެވެ.

މޫނު ސާފު ކުރުމުގައި ހިހޫވެފައިވާ ފެން ފޮދަކުން ސާފުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ހަމާއި ގުޅޭ ޕްރޮޑަކްޓްއެއް ނުވަތަ ކްލެންސާރއެއް ބޭނުންކުރުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ.

ތުނބުޅި ދިގުކުރުމަށް ރަނގަޅަށް ނިދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ރަނގަޅަށް ނިދުމަކީ މޫނުގެ ހަމުގެ ހަލާކުވެފައިވާ ސެލްތައް މަރާމާތުކޮށްދޭ ކަމެކެވެ. ވިޓަމިންސް އޭ، ބީ، ސީ އަދި އީ ގިނަ އަދަދަކަށް ހިމެނޭ ކާނާ ކެއުމުގައި ހިމެނުމަކީވެސް މޫނުގެ އިސްތަށި އަވަހަށް ދިގުވާން މެދުވެރިވާ ކަމެކެވެ.

ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރާ ކަމަކީ މީހާ ވީހާވެސް ކަންކަމާއި ނުވިސްނާ ހަޔާތުގެ ސްޓްރެސް މަދުކޮށް ހަމަޖެހިގެން ހުރުމެވެ. ކަސްރަތާއި އަދި މެޑިޓޭޝަން އަކީ މިގޮތުން ކުރެވިދާނޭ ބައެއް ކަންކަމެވެ. ގިނަ އަދަދަކަށް ޕްރޮޓީންސް ހިމެނޭ ކާނާ ކެއުމުގައި ހިމެނުމަކީވެސް ތުނބުޅި ދިގުކުރުމަށް ކުރެވިދާނޭ ކަމެކެވެ.

މިއީ ތުނބުޅިއެއް ނެތުމުގެ ހިތާމަ ފިލުވުމަށް ކުރެވިދާނޭ މަދު ބައެއް ކަންކަމެވެ.