ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް އަތުން 5-0 އިން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެ، ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މި މެޗުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ސެއިންޓް ވިންސެންޓްގެ ފޯވަޑް ކޯނީލިއަސް ސްޓުވާޓް (ކޯނޭ)، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. އަދި މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ވެސް ލަނޑު ޖެހިފަ އެވެ.

މާޒިޔާ ތާވަލްގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެނެވެ. ތާވަލްގެ ދެވަނައިގައި 15 ޕޮއިންޓާއެކު އޮތީ ކްލަބު ވެލެންސިއާ އެވެ. ޕޮއިންޓްގެ ގޮތުން ވެލެންސިއާއާ އެއްވަރުވި ނަމަވެސް، ގްރާންޑޭ ތިން ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ހަ ޕޮއިންޓްގެ ލީޑެއް ލިބުނަސް، ލީގާމެދު ޔަގީންކަން ބޮޑުކުރަން އަދި މާ އަވަސް ކަމަށެވެ.

"އަދި އެބައޮތް ލީގުގައި ބާކީ 12 މެޗު. އަދި ވަކި ގޮތެއް ނިންމަން މާ އަވަސް. މެޗަކަށް ފަހު މެޗަކަށް އަހަރަމެން ވިސްނަންޖެހޭނީ،" ރިސްޓޯ ބުންޏެވެ.

ގްރާންޑޭގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ މާޒިޔާ އަތުން ބަލިވުމަކީ "މާޔޫސްވާންޖެހޭ ވަރުގެ ކަމެއް ނޫން" ކަމަށެވެ. އެކަމަކު މެޗުގައި ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ ގްރާންޑޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

ލީގުގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް އަތުން 2-0 އިން ވެލެންސިއާ މޮޅުވީ ދެވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އިމާޒް (އާއްކޮ) ޖެހި ދެ ލަނޑުންނެވެ. މިއީ ލީގުގައި ހަތަރު މެޗަށް ފަހު ވެލެންސިއާ ހޯދި ފުރަތަމަ މޮޅެވެ.