ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އެއާލައިނެއްގެ އިންފްލައިޓް އެންޓަޓެއިންމަންޓް ލިސްޓެއްގައި ދިވެހި ފިލުމެއް ހިމެނިއްޖެ އެވެ.

މިޝަރަފު ލިބިގެން ގޮސްފައިވަނީ މިމަހު ހަ ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒް ކުރި ޑާކްރެއިންގެ ފިލްމު "ނޮވެމްބަރ" އަށެވެ. އެގޮތުން މިފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ އެއާލައިނެއް ކަމަށްވާ އެއާ އަސްޓާނާގެ ފްލައިޓްގަ އެވެ. މިފިލްމު ދައްކަނީ ރަޝިޔާ ބަހު ޑަބްކޮށްގެނެވެ.

މީޑާކްރެއިނުން ބުނީ އެއާ އަސްޓާނާގައި އަންނަ މަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް "ނޮވެމްބަރ" ދަތުރުމަތީގައި ބަލާލެވޭނެ އެވެ.

އެފަދަ ފުރުސަތެއް ފަހިކޮށްދިނީތީ ޑީއައިއެފްއީއެސް ގެ ޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ޑާކްރެއިން ބުނެ އެވެ. އަދި ޑާކްރެއިންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމުތަކެއް އެއާ އަސްޓާނާގައި ދެއްކިގެން ދިއުން ކަމަށެވެ.

"އަދި މިގޮތަށް ފްލައިޓެއްގައި ދެއްކުމުގެ ފުރުސަތު މި ކުންފުންޏަށް ލިބިގެންދިޔަކަމާ, އެފިލްމަކީ 'ނޮވެމްބަރ' ޔަށް ވެގެން ދިޔަކަމީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއްވެސް މެއެވެ. އުންމީދަކީ ކުރިއަށް އޮތް ތަނުގައި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އިތުރު ފިލްމުތަކެއް އެއަރ އަސްޓާނާގައި ދެއްކިގެން ދިއުމެވެ." ޑާކްރެއިން ބުންޏެވެ.

https://www.instagram.com/p/C0sx-FmxPm3/?utm_source=ig_embed&ig_rid=5e430843-188a-496a-ba9f-ebaac9829eac

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގަ އެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.