ރާއްޖޭގެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަރޓެއިންމެންޓްގެ އިތުރު ފިލްމެއްގެ ޝޫޓިން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޑާކްރެއިން ބުނީ ޝޫޓިން ފެށުމަށް ތައްޔާރު ވަނީ ފިލްމު " އަވަ" ކަމަށެވެ. މިއީ ޓީވީއެމް އަދި ދިވެހި އެފްއެމްގެ މަޝްހޫރު ޕްރެޒެންޓަރު ޝަހުދާ މަމްދޫހުގެ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އަދި މިފިލްމުގެ ސްކުރީން ޕްލޭވެސް ލިޔެފައިވަނީ ޝަހުދާ އެވެ.
ޝަހުދާ ޑާކް ރެއިންނަށް ފީޗާ ފިލްމެއް ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، އެ ސްޓޫޑިއޯ އިން ބައިސްކޯފާ ގުޅިގެން ހަދަމުން އަންނަ "ޑާކް ރެއިން ކްރޮނިކަލްސް" ސީޒަން ދޭއްގެ އެޕިސޯޑްތަކެއް ވެސް އޭނަ ލިޔެ، ޑައިރެކްޓްކޮށްފައިވެ އެވެ.
ޝަހުދާ ލިޔެ، ޑައިރެކްޓްކުރާ "އަވަ" ގެ ކާސްޓުންނަކީ އޭނަގެ ފިރިމީހާ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ އާއި އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިންގެ "ނޮވެމްބާ" ގެ ބަތަލާ މަރިޔަމް މަޖުދާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) ހިމެނެ އެވެ.
"އަވަ" އަކީ ހޮރޯ-ކޮމެޑީ ޖޯންރާގެ ފިލްމުކެވެ.
މިފިލްމުގެ އިތުރުންވެސް ޑާކްރެއިންގެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ފިލްމުތަކާއި ރިލީޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފިލްމުތައްވެސް ހިމެނެ އެވެ.
އެގޮތިން "ފުރޭތަ" އަންނަ ޖެނުއަރީ މަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ފިލްމު "ބަޅިނދު"ވެސް އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ޑާކްރެއިން ބުނެ އެވެ. މީގެ އިތުރުން ޑާކްރެއިން ގެނެސްދޭ "މީއިޝްގު"ވެސް އަންނަ އަހަރު ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ.
ޑާކް ރެއިންއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ އެވެ. އެ ސްޓޫޑިއޯގެ ފިލްމުތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އޮވެއެވެ.