އައިފިލްމްސްގެ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި"ގެ ކާސްޓިންނާ މަޝްހޫރު އެކްޓަރު ރަވީ ފާރޫގު ގުޅިއްޖެ އެވެ.

މި އަހަރު އޮކްޓޫބަރު މަހު ޝޫޓިން ފަށާފައިވާ ފިލްމު "ކަންބަޅީ" 60 އިންސައްތަ ޝޫޓުކޮށް މިހާރު ވަނީ ނިމިފަ އެވެ.

މި ފިލްމަކީ ބިރުވެރި ޖޯންރާ އަށް ތައްޔާރުކޮށްގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުން ރަވީ ފެނިގެންދާއިރު އަންނަ އަހަރު ޑާކްރެއިންއެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު "ފުރޭތަ" ގައި ވެސް ރަވީގެ ރޯލެއް ހިމެނިފައިވެ އެވެ. އެކްޓަރެއްގެ އިތުރުން ރަވީ އަކީ ކުޅަދާނަ ޑައިރެކްޓަރެއްވެސްމެއެވެ. އޭނާ ޑައިރެކްޓްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "އިނގިލި"، "ވިޝްކާ"، އަދި "މިކޮއެ ބައްޕަ ބައޭ ބައޭ" ހިމެނެ އެވެ.

"ކަންބަޅި" ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން މި މަހު ފަށާފައިވާއިރު މި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި އަހްމަދު އިފްނާޒް ފިރާގު ވެސް ހަރަކާތްތެރިވާނެ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިއްލެ އާއި އާސިމް އަލީ އެވެ. މި ފިލްމުގެ ލީޑުންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ވާޝިޔާ މުހައްމަދު، ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އަދި އިފްނާޒް ފެނިގެންދާނެ އެވެ.

މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިންނަކީ ތާތި އާދަމް، މުހައްމަދު އަފްރާހު، މޫސާ އަލީފް، ހާޒިފް މުހައްމަދެވެ. އަދި ފިލްމުން ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ތަރިންގެ ތެރޭގައި މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހުމަދު ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ އަދި ދީނާ އަހުމަދު (ޖެރީ) ފެނިގެންދާނެ އެވެ.

އައިފިލްމްސް އިން ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމު "ކަންބަޅި" އަކީ އަންނަ އަހަރު ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. އިއްލެގެ ތިން ފީޗާ ފިލްމެއް ވަނީ މިހާތަނަށް ނުކުމެފައެވެ. އެއީ "ބަވަތި"، "ނީނާ"، "ފްރީ ޑެލިވަރީ" އެވެ. ޝަހީދު ލެގަސީ މިއުޒިކް ހަދާ މި ފިލްމުގެ ކެމެރާމަން އަކީ ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ) އެވެ.