ފިރިހެނުންގެ 66 އިންސައްތަ މީހުންނަކީ، އުމުރުން 60 އަހަރު ވާ އިރު ބޮލުގެ އިސްތަށިކޮޅު ފައިބައި، ތަލަވެފައި ތިބޭ ބައެކެވެ. ބޯ ތަލަވުމަކީ އުމުރުން ދުވަސް ވުމުގެ ހެއްކެއްގެ ގޮތުގައި ފެންނަ ކަމެކެވެ.

ނަމަވެސް ޒުވާން އުމުރުގައި އިސްތަށި ފައިބާ ތަލަވާ މީހުން ވެސް އުޅެ އެވެ. މިއީ ދިރިއުޅުމުގެ ބައެއް އާދަތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި ވެދާނެ އެވެ. އެކަންކަން ކުރުން ހުއްޓާލުމާއެކު، ތަލަވުމުގެ މައްސަލައަށް ހައްލެއް ލިބިދާނެ އެވެ.

ނުބައި ޕްރޮޑަކްޓްތައް ބޭނުން ކުރުން

ފިރިހެނުންގެ ބޯ ތަލަވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފިރިހެނުންގެ ހަށިގަނޑުގައި އުފެދޭ ޓެސްޓޮސްޓެރޯން ހޯމޯންގެ ތެރެއިން އަންނަ ޑިހައިޑްރޯޓެސްޓޮސްޓެރޯން (ޑީއެޗްޓީ) ނަމަކަށް ކިޔާ މާއްދާ އެކެވެ. ޑީއެޗްޓީއަކީ ހަށިގަނޑުން އިސްތަށި ނުކުންނަ ތަންތަން ނުވަތަ "ހެއާ ފޮލިކްލްސް" ހަލާކު ކުރުވާ މާއްދާއެކެވެ. ޑީއެޗްޓީއާ "ހަނގުރާމަ" ކުރުމަށްޓަކައި ބޭނުންވަނީ "ކެޓަކޮނަޒޮލް" އެކުލެވޭ ޕްރޮޑަކްޓް ތަކެވެ.

މާ ގިނައިން ހޫނުފެނުން ފެންވެރުން

ހޫނު ފެނަކީ ތިބާގެ ހަށިގަނޑާއި އިސްތަށިގަނޑުން ވެސް ފެން މަދުވާން (ޑީހައިޑްރޭޓް) ވާން މެދުވެރިވާ ކަމެކެވެ. ހޫނު ފެން ބޮލުގައި ޖެހުމުން، އިސްތަށިގަނޑު ރައްކާތެރިކޮށް ދިނުމަށް ބޮލުގައި ޤުދުރަތީ ގޮތުން ހުންނަ ތެޔޮ ފިލައިގެން ދެ އެވެ. އަދި ހޫނު ޖެހުމުން ބޮލުގެ އިސްތަށިގަނޑުގެ މޫތައް ހަލާކުވެ އެވެ. އެހެންކަމުން ހޫނު ފެނުން ފެންވެރުމުގެ ބަދަލުގައި، ތާފަނާ ފެނުން ފެންވަރާށެވެ.

މާ ބާރަށް ބޯ ހިއްކުން

ފެންވަރައި ނިމިގެން ގައިން ފެން ހިއްކާ އިރު، ބޮލުގެ އިސްތަށިގަނޑުގައި ހުރި ތެތްކަން ފިލުވުމަށް މާ ބާރަށް ބޮލުގައި ތުވާލި އުނގުޅައިލެވޭ ފަހަރު އާދެ އެވެ. މިއީ ބޮލުގެ އިސްތަށިތައް ނެއްޓުމަށް މެދުވެރިވާ ކަމެކެވެ. ފެން ވެރުމަށް ފަހު މަޑު ތުވާއްޔަކުން، މަޑު މަޑުން ބޮލުގައި ހާކާލާށެވެ.

ތެލާއި ހަކުރުލީ ކާނާ މާ ގިނައިން ކެއުން

މީގެ ކުރިން ޓެސްޓޮސްޓެރޯނާއި ޑީއެޗްޓީގެ ވާހަކަ ވާނީ ލިޔެވިފަ އެވެ. މިއީ އިސްތަށިގަނޑު ފޭބުމަށް މެދުވެރިވާ ދެ ސަބަބެވެ. ތެލާއި ހަކުރުލީ ކާނާ އާއި، ހަށިގަނޑަށް ގެއްލުން ދެނެވި ކާނާ ކެއުމަކީ ޓެސްޓޮސްޓެރޯން ގިނަ އަދަދަކަށް އުފެދުމަށް މެދުވެރިވާ ކަމެކެވެ. ޓެސްޓޮސްޓެރޯނާއި އެކު ޑީއެޗްޓީ ވެސް ރިލީޒް ވާނެ އެވެ. މި މާއްދާ އުފެދުމުން ހެއާ ފޮލިކަލްސްގެ ވަރު ދެރަވެ، ބޮލުން އިސްތަށި ފައިބާން ފަށަ އެވެ. މީގެ ބަދަލުގައި ފެހިކަން ގަދަ ފަތާއި، ގްރީން ޓީ އާއި، ބިހާއި، މިފަދަ ކާނާ ކެއުން އިތުރު ކުރާށެވެ.

މާ ގިނައިން އަވީގައި އުޅުން

އަތްވަށް ނުކުމެ މާ ގިނަ އިރު އުޅުމަކީ ވެސް އިސްތަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ. ރަތްދައްކާ އަވީގައި ގިނަ ވަގުތު އުޅޭނަމަ ބޮލުގެ އިސްތަށިގަނޑުގެ ވަރު ދެރަވެ އެވެ. އިސްތަށީގެ ބޭރުގައި ހުންނަ ރައްކާތެރިކަމުގެ ފަށަލަ ނުވަތަ "ހެއާ ކިއުޓިކަލް" ބާރު ދަށްވެ އެވެ. އެ އާއެކު އިސްތަށި ފައިބަން މެދުވެރިވެ އެވެ. މިކަން ހައްލު ކުރުމަށް، އަތްވަށް ނުކުމެ އުޅޭ އިރު ތޮފި ފަދަ އެއްޗެއް އެޅުމަކީ ބުއްދިވެރި ގޮތެކެވެ.