މި އަހަރުގެ އެޑެކްސެލް އޭލެވެލް އިމްތިހާން ކެންސަލްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އިގިރޭސިވިލާތުގެ ޕިއާސަންއިންވަނީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް، މިއަހަރުގެ މޭ އަދި ޖޫންގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ އޭއެސް އަދި އޭލެވެލް އިމްތިހާންތައް ނުބާއްވަން ނިންމަފަ އެވެ. އަދި ޕިއާސަންއިން ބުނެފައި ވަނީ، މޭ އަދި ޖޫން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި، ސެޓްފިކެޓު ދިނުމުގެ ކަންތައް ކުރިއަށްގެންދާނެގޮތް ނިންމައި، "އޮފްކޮލް"އިން މިމަހުގެ 22ގައި އިއުލާންކުރާނެ ކަމަށެވެ.

ނަމަވެސް، މިއަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެސް އަދި އޭލެވެލް އިމްތިހާނު ކުރިން ވެސް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ޕިއާސަންއިން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިބަދަލާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާ އެޕްލިކޭޝަން އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިޔެކޭ އެއްގޮތަށް އިމްތިހާނަށް ތައްޔާރުވަމުން ދިއުމަށް ސްކޫލްތަކާއި، އަމިއްލަގޮތުން އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިމްތިހާނުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށް ގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށް މިނިސްޓްރީން ދަނީ ޕިއާސަންއާ މަޝްވަރާކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އިމްތިހާން ލަސްވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވަނީ ދަރިވަރުންނަށް ހުރި އޮޕްޝަންތައް ހޯދުމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި، އޮޕްޝަންތައް އެނގުމުން މިކަމުގައި ނިންމުމެއް ނިންމާނީ ސްކޫލްތަކާ ދަރިވަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.