ރިޔާސީ އިންތިޚާބުގައި ވައުދުވި ގޮތަށް އިންޑިއާ ސިފައިން ރާއްޖޭން އަދިވެސް ބާލައިފައި ނުވާތީ އެ މީހުން މިހާރު ރާއްޖޭގައި ތިބީ މި ސަރުކާރުގެ ރުހުމުގައިތޯ ބުނެދޭން ޑިފެންސް މިނިސްޓްރީ އަށް އުޒުރުވެރިވެއްޖެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ނަމަ އެ މީހުން މިހާރު ތިބީ ސަރުކާރުގެ ރުހުމުގައިތޯ" ދުވަހު ނޫސް "ހުރިހާ" އިން ޑިފެންސް މިނިސްޓްރީއާ ސުވާލު ކުރުމުން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް އެއްވެސް ބަދަލެއް ނެތި ފުއްދަވާނެ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުން ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީއާ މަތިކުރެވިފައިވާ ވައުދުތައް ފުއްދުމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ދިނުމުގެ އިތުރުން ދެން ދޭނެ އިތުރު ޖަވާބެއް ނެތް ކަމަށެވެ.

Adv by TMA
TMA
Adv by TMA
TMA

އިންތިގާލީ މަރުހަލާގައި ދޮޅުމަސް އަދި ސަރުކާރާ ހަވާލުވުމަށް ފަހު ދޮޅުމަސްވާން ކައިރިވެފައިވާ އިރު އިންޑިއާ ސިފައިންގެ އަދަދު ސަރުކާރަށް ޔަގީންވެފައި ނުވާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަރުކާރުން އެއްފަހަރު ބުނެފައި ވަނީ 77 ސިފައިން ކަމަށެވެ. އަނެއް ފަހަރު ރައީސް ވިދާޅުވެފައި ވަނީ 89 ކަމަށެވެ. ފަހުން އަނެއްކާވެސް ސަރުކާރުން ބުނެފައި ވަނީ އެއީ ސެނަހިޔަ ހޮސްޕިޓަލުގައި ތިބި ނުވަ ޑޮކްޓަރުން ވެސް ހިމަނައިގެން ކަމަށެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ބުނި ނަމަވެސް، ސަރުކާރާ ހަވާލުވުމަށް ފަހު، އެ އަދަދު 100 އަށް ވެސް ނާރާކަން ސަރުކާރަށް ޔަގީންވުމުން، އަދަދު ހާމަކުރަން ސަރުކާރުން ޖެހިލުންވަނީ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.