މި ދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އާ އަހަރާއެކު މީހުންގެ ދިރިއުޅުމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކަ އެވެ. އެއްބަޔަކު އެ ކަންތައްތައް ނިންމައި "ރިޒޮލިއުޝަންތައް" ކަނޑައަޅާފައިވާއިރު އަނެއްބަޔަކު އަދި އެކަމާ ވިސްނާފައެއް ނުވެ އެވެ.
2023 ވަނަ އަހަރު ފެށިގެން އައި އިރުވެސް ހަމަ މިފަދައިން އަޒުމުތަކެއް ކަނޑައެޅި ބަޔަކު ތިބޭނެ އެވެ. އެންމެ ފުރަތަމަ ކަމަކަށް އަހަރު ނިމޭއިރު އެ އަޒުމުތަކަށް ފަސްދީ ބަލާލުން ރަނގަޅުވާނެ އެވެ.
2023 ވަނަ އަހަރަށް ކަނޑައެޅި އަޒުމުތައް ހާސިލް ވެފައިވޭތޯ އަދި ނުވާނަމަ އެކަމުގެ ސަބަބުތަކަކީ ކޮބައިތޯ ބަލައި ވިސްނުން ހިންގާލުމަކީ އަހަރު ނިންމާލަން ހަމަ އެންމެ ރަނގަޅު ގޮތެވެ.
ދެން އޮތީ ކުރިއަށް އޮތް އަހަރެވެ. އާ އަހަރަށް ވެސް ގިނަ ބަޔަކު އަޒުމްތަކެއް ކަނޑައަޅާނެ އެވެ. ސިއްހަތަށް ސަމާލުކަން ދޭށެވެ. ގިނައިން ދަތުރު ކުރާށެވެ. ކަންކަމުގައި އަމިއްލަ ނަފްސުގެ ލާބަ އިސްކުރާށެވެ.
މިކަންކަމުގައި ވިސްނަންވީ ކަމަކީ މާއްދީ ކަންކަމަށްވުރެ ރޫހާނީ ކަންކަން އިސް ކުރުމެވެ. ދުނިޔަވީ ކަންކަމަށްވުރެ ދީނީ ކަންކަމަށް ސަމާލުކަން ދިނުމެވެ. ދިގު މުއްދަތުގެ ފައިދާ އޮތީ އެގޮތުންނެވެ.
ދެން އޮތީ ކަނޑައެޅި އަޒުމުތަކުގެ މަތީގައި ދެމިތިބުމެވެ. ގިނަ ފަހަރަށް އަހަރުމެން ދިވެހިންނަށް ވާ ގޮތަކީ އަޒުމެއް ކަނޑައަޅައި އެކަމަށް ދެތިން މަަސް ނުވަނީސް އޭގެ މަތިން ފޫހިވުމެވެ.
އެކަން ބަދަލުކޮށް ކުރިއަށް އޮތް މުޅި އަހަރަކީ ކަނޑައެޅި އަޒުމުތައް ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތްކުރާ އަހަރަކަށް ހެދުމަކީ ކުރެވިދާނެ ކަމެކެވެ.
ކޮންމެއަކަސް ފާހަގަ ކުރަންޖެހޭ ކަމަކީ ދިރިއުޅުން ރަނގަޅު ކުރަން ކޮންމެހެން އާ އަހަރަށް މަޑު ކުރަން ނުޖެހޭނެ ކަމެވެ. ހެޔޮ ބަދަލުތަކެއް ގެންނަން ބޭނުންނަމަ ހަމަ ކޮންމެ ދުވަހަކީ ވެސް އެކަމަށް އެކަށޭނަ ދުވަހެކެވެ.