ރާއްޖޭގެ ބޮޑުބަޔަކަށް ކުރަމުންދާ ވިއްސާރައިގައި، ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި، އެ ސިޓީގެ ބައެއް އަވަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ވަނީ ގެއްލުންވެފަ އެވެ.

އެގޮތުން ޖުމްލަ 15 ގެޔަކަށް ފެންވަދެ، ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން އެސިޓީގެ ކައުންސިލުން ދަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނީ ފެންބޮޑުވީ ބައެއް ގެތަކުގައި ނަމަވެސް ޖުމްލަކޮށް ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފެންބޮޑުވެ އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހުނު ފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެފައި

ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީގެ ބައެއް ގެތަކަށް ވެސް ފެންވަދެ، އެ ސިޓީގެ ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގާފައިވެ އެވެ.

މޫސުމާބެހޭ އިދާރާއިން ކުރިއަށް އޮތް ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދ އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެ އެވެ. ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާ ދެމެދު ކަމަށްވެސް އެއިދާރާއިން ހާމަކުރެ އެވެ.

ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފަ އެވެ.