ދިރާގު މައި އެކައުންޓް ޚިދުމަތާއެކު ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެކި ޚިދުމަތްތަކަށް އެޕްލައިކޮށްލާ، ހުރިހާ ހިދުމަތްތަކެއް އެއްތަނަކުން މެނޭޖްކުރެވޭނެ ގޮތް ދިރާގުން ހަދައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުން އެންމެ ގިނައިން އޮންލައިންކޮށް ހޯދާ ބައެއް ހިދުމަތްތައް ލިބޭނެ އެވެ. މިގޮތުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި:
1. ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑް ޕެކޭޖް ބަދަލުކުރުން: ދިރާގު މައިއެކައުންޓް މެދުވެރިކޮށް މޮބައިލް ޕޯސްޓްޕެއިޑް ޕްލޭން ނުވަތަ ފައިބާ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑް ނުވަތަ ޑައުންގްރޭޑްކޮށްލެވޭނެ އެވެ.
2. އާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނެއް ނެގުން: އައު ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު މައިއެކައުންޓް މެދުވެރިކޮށް އެކަން ކުރެވޭނެ އެވެ.
3. ބްލޭންކް ސިމް އެކްޓިވޭޓްކުރުން: މިހާރު ދިރާގު ޕާޓްނާޝޮޕްއިން ގަންނަ ބްލޭންކް ސިމް ކާޑް އެކްޓިވޭޓްކުރުމަށް ކޮންމެތާކު ހުރެވެސް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެ އެވެ.
4. ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރުން: އެއް އިމާރާތުން އަނެއް އިމާރާތަށް ނުވަތަ އެއް އިމާރާތެއްގެ ތެރޭގައިވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރަން ބޭނުންނަމަ މިހާރު ފަސޭހަކަމާއެކު ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ އެވެ.
5. ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލުން: ރާއްޖެއިން ބޭރަށް ދިގު މުއްދަތަކަށް ދަތުރުކުރާނަމަ މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ. ހިދުމަތް މެދުކަނޑާލަން ބޭނުންވާ މުއްދަތެއް އިޚްތިޔާރު ކުރުމަށްފަހު ޚިދުމަތަށް އެޕްލައިކުރެވޭނެ އެވެ.
މީގެ އިތުރުން ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކި ޚިދުމަތްތައް މެނޭޖް ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން ތަފާތު ބިލިންގ އެކައުންޓްތަކުގެ ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބިލް ދެއްކުން، ޕްރީޕެއިޑް ނަމްބަރުތައް ރީޗާޖްކޮށް އަދި އެކި އެޑް-އޮންސްވެސް ނެގޭނެއެވެ. އަދި ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެދޭ ޚިދުމަތްތަކުގެ ސްޓޭޓަސްވެސް ބަލާލެވޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޚިދުމަތް ދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެފަރާތްތަކުގެ ހުރިހާ ޚިދުމަތްތަކެއް މެނޭޖްކުރުމަށް އެހީތެރިވެދިނުމަށެވެ.