ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންތޮލޮޖީ ކްރޮނިކަލްސްގެ ދެވަނަ ސީޒަން "ލަވް" ގެ އެޕިސޯޑްތައް ބައިސްކޯފުން ދައްކަން ފަށައިފި އެވެ.
މިފަހަރުގެ ސީޒަންގެ ފުރަތަމަ އެޕިސޯޑް މިމަހުގެ ފުރަތަމަ ދުވަހު ބައިސްކޯފުން ވަނީ ދައްކާފަ އެވެ.
އަލީ ޝިފާއު ޗި(އްޕެ) ޑައިރެކްޓްކޮށްފައިވާ "ބައިސްކަލް" އެވެ. މި އެޕިސޯޑްގެ ތަރިންގެ ތެރޭގައި ތަޖުރިބާކާރު މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ސައީދުގެ އިތުރުން އާ ފަންނާނުންތަކެއް ފެނިގެންދެ އެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރޭގައި އާ އެޕިސޯޑު ރިލީޒް ކުރާ މި ޝޯގެ ކޮންމެ އެޕިސޯޑަކުން ފެންނާނީ ތަފާތު ކާސްޓެކެވެ.
އެންތޮލޮޖީ ކްރޮނިކަލްސްގެ ދެވަނަ ސީޒަން "ލަވް" ގައި އަށް އެޕިސޯޑް ހިމެނިގެންދާއިރު ކޮންމެ އެޕިސޯޑެއްގައިވެސް ތަފާތު ފަންނާނުން ފެނިގެންދާނެ އެވެ. މިއެޕިސޯޑްތައް ޑައިރެކްޓްކޮށްފައި ވަނީ ޗިއްޕެގެ އިތުރުން އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދެވެ.
މި ސީޒަންގެ ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގް، މަރިޔަމް މަޖުދާ (މަޖޫ)، ޝަރަފު އަބްދުﷲ، ނުޒުހަތު ޝުއައިބް (ނުޒޫ)، މުހައްމަދު ފައިސަލް، އަހުމަދު އީސަ (އާނަންދު)، އަހުމަދު ސައީދު، ރޯނު ހަސަން މަނިކު، އިބްރާހީމް ޝާކިރު ޝާއްކޮ (އައްމަޑޭ)، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާރިފް، ފާތުމަތު ޝަރާ، ޝުހާ، މަލީހާ ވަހީދު، މުހައްމަދު ވިޝާލް (ރޯމަން) އަދި އައިޝަތު ޔާދާ ފަދަ ތަރިން ހިމެނެ އެވެ.
މި ފަހަރުގެ ސެގްމަންޓްތަކަކީ "ބައިސްކަލް" ގެ އިތުރުން "ލެމަން ކޭކް"، "ލަފުޒު"، "ދޭ ހަނދާން"، "ދުރުވާން ޖެހުނަސް"، "ޑިޖާވޫ"، "ދެމާ" އަދި "މީ ލޯބި" ހިމެނެ އެވެ.
ބައިސްކޯފަށް ޑާކް ރެއިނުން މިދިޔަ އަހަރު "ކްރޮނިކަލްސް" ގެ ފުރަތަމަ ސީޒަން ގެނެސްދިނީ ރިވެންޖް ތުރިލާއެއްގެ ގޮތުގަ އެވެ. އެއީ ހަ ސެގްމަންޓްގެ އެއްޗެކެވެ. އޭގެ ސެގްމަންޓްތަކަކީ "އައްސަލާމް އަކައިކުމް"، "ފުރޭތަ"، "ރަންކޮޅާ"، "ސަޕްރައިޒް"، "ޕާޓީ" އަދި "ނޮސްޓަލްޖިއާ" އެވެ.