މާލޭގެ ހުރިހާ މަގުތަކެއް ހަދަން ފެށުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށާއި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން މާލޭގެ މަގުތައް ހަދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމާ އެކުގައި ކަމަށެވެ.

"އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ހަރަދުގެ ގޮތުން ވެސް ވަރަށް ބޮޑު ވާނެ. އަޅުގަނޑުމެން އެސްޓިމޭޓްކޮށްފައި އޮތް ގޮތުން 100 މިލިއަން ޑޮލަރު ދާނެ އެ މަޝްރޫއަށް،" މުއްތަލިބް ވިދާޅުވިއެވެ.

މުއްތަލިބް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތެރޭގައި އުތުރު ފަރާތުގެ ކީ ވޯލް ބޭރަށް ޖައްސައި މަގު ފުޅާ ކުރުން ވެސް ހިމެނޭ ކަމަށެވެ. މާލެ އަށް ހައްލެއް ލިބިގެން އަންނާނީ ހުރިހާ މަގުތަކެއް ހަދައި ހުރިހާ ތަނެއްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ގާއިމު ކުރެވިގެން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ އެމަޝްރޫއުގެ އިތުރުން ފެން ބޮޑުވުމުގެ ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވަގުތީ ގޮތުން ގެންނަން ޖެހޭ ހައްލުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

"ޕަމްޕުތައް ހޯދާފައި އެއަށް ތައްޔާރުވެގެން އަޅުގަނޑުމެން ތިބޭނީ. އެފަދަ ގެއްލުންތަކެއް ނުލިބޭނެ ގޮތަށް ކަންތައް ކުރެވޭތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" މިދިޔަ އާދިއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި 160 އަށް ވުރެ ގިނަ ގޭގެއަށް ފެން ވަދެ ގެއްލުން ލިބުނު މައްސަލަ އަށް އިޝާރާތް ކުރައްވައި މުއްތަލިބް ވިދާޅުވި އެވެ.

އާދިއްތަ ދުވަހު މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްލަވައިފަ އެވެ.

ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވުމަށް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވެސް ވިދާޅުވީ މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކޮށް އާންމުންގެ މުދާތައް ސަލާމަތް ކުރެވޭނީ ހުރިހާ މަގުތަކެއް ހަދައި ސްޓޯމްވޯޓާ ނިޒާމު ވަރުގަދަ ކުރެވިގެން ކަމަށެވެ.