މިދިޔަ ހަފްތާ މުޅިންހެން ސޯޝަލް މީޑިއާ ފުރާލާފައި އޮތީ މީލާދީ އާ އަހަރުގެ ވާހަކަތަކުންނެވެ. އާ އަހަރަށް ޗުއްޓީއަށް ދިޔަ މީސްމީހުންގެ ފޮޓޯތަކާއި އެކި ރޭވުންތައް ރޭވި މީހުންގެ ފޮޓޯތަކުންނެވެ. އާ އަހަރުގެ ތަހުނިޔާތަކާއި ހެޔޮ އެދުންތަކުންނެވެ.
މީލާދީ އާ އަހަރަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ފޯރިނަގާ ކަމަކަށް މިއަދު ވަނީ ވެފަ އެވެ. މުސްލިމުންގެ ގޮތުގައި ތިބެ މުސްލިމުންގެ ސަގާފަތުގެ ތެރޭގައި ނުހިމެނޭ ކަމެއް މިއަދު މިވަނީ އަހަރުމެންގެ ސަގާފަތާ މަސްހުނި ކުރެވިފަ އެވެ. ހަގީގަތަކީ ހިޖުރީ އާ އަހަރުގެ ފެށުން ފާހަގަ ނުކުރާ މިންވަރަށް ދިވެހިން މީލާދީ އާ އަހަރު ފާހަގަ ކުރާ ކަމެވެ.
ކޮންމެއަކަސް އާ އަހަރު ފާހަގަކުރާ ބަޔަކު އެކަން ކޮށް ނިމިއްޖެ އެވެ. އާ އަހަރުގެ މަޖަލާއި ފޯރި ވެސް މަޑުވެ ހިނދިއްޖެ އެވެ. ސުވާލަކީ އެހާ ކުލަގަދަކޮށް އެކަން ފާހަަގަ ކުރުމުން ބަދަލުވީ ކޮން ކަމެއްތޯ ކުރެވޭ ސުވާލެވެ.
އާ އަހަރުގެ އުފަލުގައި ރައްޓެހިންނާއެކު ދަންވަންދެން މަޖާނެގި މީހުންވެސް ޖެހިގެން އައި ދުވަހު ދާން ޖެހުނީ ވަޒީފާ އަށެވެ. އެނބުރި ދާން ޖެހުނީ އެއްކަލަ ކަޓު ދިރިއުޅުމަށެވެ.
އެހާމެ ވަރުން އާ އަހަރަށް ކަނޑައެޅި އަޒުމްތައް މަތިން ހަނދާން ނެތިއްޖެ އެވެ. އެހާ އަވަހަށް އެކަންތައް ފަސްދީ އާއްމު ދިރިއުޅުން ފަށައިފި އެވެ.
މިއީ ދިވެހިންނެވެ. މީގެ އަހަރެއްހާ ދުވަސް ފަހުން ހަމަ މި ސަގާފަތް ތަކުރާރުވާނެ އެވެ. އަހަރަކަށްފަހު އަހަރެއް ފާއިތުވަމުން ދިޔަސް ދިވެހިންނެއް ބަދަލެއް ނުވާނެ އެވެ.