އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ޑރ. އަހްމަދު އަދީލް ނަސީރު އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އައްޔަންކުރައްވައިފި އެވެ.
އެ ދެ ބޭފުޅުންނަށް ސްޓޭޓް މިނިސްޓަރުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިކަން ރައީސް އޮފީހުގެ ވެބްސައިޓްގައި މިރޭ ވަނީ ހިއްސާކޮށްފަ އެވެ.
ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. އަދީލް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ހާރިސް ވަނީ މީގެ ކުރިން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރުކަން ކުރައްވާފަ އެވެ.
ޑރ. އަދީލް ހިމެނޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި ފަސް ސްޓޭޓް މިނިސްޓަރުން އެބަތިއްބެެވެ. ޓޫރިޒަމް މިނިސްޓްރީގައި މިވަގުތު ތިއްބެވީ ޖުމްލަ ދެ ސްޓޭޓް މިނިސްޓަރުންނެވެ.