އިންޑިއާގެ ވެރިންނަށާއި އެ ގައުމަށް މަލާމާތްކޮށް ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާތީ ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން ދިއުމުގެ ބަދަލުގައި އިންޑިއާގައި ތިބެ ޗުއްޓީ ހޭދަ ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ހިތްވަރުދީ، ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓް ވައިރަލްވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ވަނީ މޯދީ އަށާއި އިންޑިއާއަށް ބަދު ބަސް ބުނެ، މަލާމާތުގެ ރާގަށް ސޯޝަލް މީޑިއާގައި އެކިއެކި ޓުވީޓުތައް ކުރައްވައިފަ އެވެ.

އެގޮތުން މޯދީ އަކީ "ޖޯކަރެއް" ކަމަށާއި އިސްރާއީލްގެ "ޕަޕެޓެއް ކަމަށް ވިދާޅުވެ ޝިއުނާ ޓުވީޓު ކުރެއްވި އެވެ. އެކަމަކު، އެ ޓުވީޓު މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.

އޭގެ ތެރޭގައި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ. އިންޑިއާގެ ގިނަ ބައެއްގެ ފާޑު ކިއުން ވަނީ މި ދެ ބޭފުޅުންނަށް އަމާޒުވެފަ އެވެ.

އެ ވީޑިއޯއާ ގުޅިގެން އިންޑިއާގެ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ސިފަ ކުރި ގޮތުގައި މޯދީ ދެއްވި އެ މެސެޖަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި އިންޑިއާގައި ތިބެގެން ވެސް ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްލެވޭނެ ކަމެވެ.

އަކްޝޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ފާހަގަ ކުރެވޭ ބައެއް ބޭފުޅުން އިންޑިއާ އަށް ރައްދުވާގޮތަށް މަލަމާތާއި ފުރައްސާރަކޮށް ވާހަކަ ދައްކާފައިހުރި ޕޯސްޓުތަކެއް ފެނިފައިވާ ކަމަށެވެ. އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުުމު ކަމަށާއި، އެފަދަ މުހިއްމު ގައުމެއްގެ ރައްޔިތުންނާމެދު ގޯސްކޮށް ކަންތައް ކުރާތީ ހައިރާންވާ ކަމަށް ބުންޏެވެ.

އަހަރެމެންނަކީ ރަނގަޅު އަވައްޓެރިން. އެކަމަކު އެފަދަ ފުރައްސާރަ ތަހައްމަލު ކުރާނީ ކިހިނެއް؟ އަހަރެން ވަރަށް ގިނަ ފަހަރު ރާއްޖެ ގޮސްފިން. ރާއްޖޭގެ ރީތިކަމަށް ތައުރީފު ވެސް ކޮށްފިން،" އަކްޝޭ ބުންޏެވެ.

"އެކަމަކު އިއްޒަތައި ކަރާމާތް އިސްކުރާނަން. އެހެންވީމާ އިންޑިއާގެ ޖަޒީރާ ރަށްތައް އެކްސްޕްލޯ ކުރަން ހިނގާ،"

މި މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.