ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ށ. ކޮމަންޑުއަށް އުދައަރައި ގެއްލުންތަކެއްވެއްޖެ އެވެ.

ކޮމަންޑޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރޭ ދަންވަރު އެރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޭގެއަށް ލޮނުވަދެ ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ.

އެރަށު ރައްޔިތުންގެ މުދާ ސަލާމަތްކުރުމަށް ކޮމަންޑޫ ކައުންސިލާއި ފުލުހުންނާއި އެމްޓީސީސީގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުދައިގެ ސަބަބުން ލޮނު ވަން ގެތަނުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި،" ކައުންސިލަރު ވިދާޅުވި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރައިގައި ފެން ވަން ކޮމަންޑޫ ގެއެއްގެ މީހުން ވަގުތީގޮތުން ރޭ އެހެން ގެއަކަށް ބަދަލުކުރި ކަމަށެވެ. ނަމަވެސް މިހާރު އަލުން އަނބުރާ އެ މީހުން ދިރިއުޅޭ ގެއަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދ. ކުޑަހުވަދޫގެ ފަސް ގެއަކަށް ވެސް ފެންވަދެފައިވާތީ ކަމާބެހޭ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.