ދުނިޔޭގެ މައި ފުޓުބޯޅަ އިދާރާ ފީފާ ގެ ފަރާތުން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ އެވޯޑް ހަފްލާ "ފީފާ ދަ ބެސްޓް އެވޯޑްސް" މިރޭ އޮންނާނެ އެވެ.

،މިރޭ ދަންވަރު 1:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަފުލާ އައިސް ސްޕޯޓްސް (މީޑިއާނެޓް ޗެނަލް 102) އިން ވަގުތުން ބެލޭނެ އެވެ. މި އަހަރުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ.

ރާއްޖެއަށް ދުނިޔޭގެ ފިރިހެން އަދި އަންހެން ފުޓުބޯޅައިގެ މެޗުތަކާއި އެހެނިހެން ހަރަކާތްތައް ވަގުތުން ގެނެސްދިނުމުގައި އެންމެ ބޮޑު ބައިވެރިއަކީ މީޑިއާނެޓެވެ. އެގޮތުން ފީފާ ވޯލްޑް ކަޕް، ދުނިޔޭގެ އެންމެ ބޮޑު ހަތަރު ފުޓްބޯޅަ ލީގުގެ މެޗުތައް އަދި 2023 ވަނަ އަހަރު ބޭއްވި ވިމެންސް ފީފާ ވޯލްޑް ކަޕްވެސް ވަނީ އައިސް ނެޓްވޯކްގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓުން ދިވެހިންނާ ހަމައަށް ގެނެސްދީފަ އެވެ.

މި އަހަރުގެ އެވޯޑް ހަފްލާގައި ވެސް މުހިއްމު އެވޯޑްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ފީފާ އިން މިހާރު ވަނީ މި އެވޯޑްތަކަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް އިއުލާނު ކޮށްފަ އެވެ. މިހާ ހިސާބުން މި ވާދަވެރިންނަށް އަލިއަޅުވާލަމާ ހިނގާށެވެ.

ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާ

މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން ފީފާ އިން ވަނީ ދާދި ފަހުން އިއުލާނު ކޮށްފަ އެވެ. އޭގައި ހިމެނެނީ މެންޗެސްޓަ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ފޯރވަޑް އޭލިންގް ހާލަންޑް، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އަދި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ލިއޮނެލް މެސީ އެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަމާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ހައިސިއްޔަތުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މެސީއަށް މި އެވޯޑު ހައްގެވެ. ނަމަވެސް ކްލަބް ލެވެލްގައި މެސީއަށް ވަނީ މާ އެދެވޭ ކާމިޔާބީތަކެއް ނުލިބި އެވެ.

ކްލަބް ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ތަރި އަދި މެންޗެސްޓަ ސިޓީއާއެކު ޓްރެބަލް ކާމިޔާބު ކުރި ހާލަންޑް ވެސް މި އެވޯޑަށް ވަރުގަދަ ވާދައެއްކުރާނެ އެވެ. ގޯލް މެޝިނެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ހާލަންޑްއަކީ ސިޓީ ހޯދި ކާމިޔާބީގެ އެންމެ ބޮޑު އެއް މޭސްތިރި އެވެ. އެމްބާޕޭ ވަނީ ވޯލްޑްކަޕްގައި މެސީ އާއި އެއްވަރަށް ގޯލް ޖަހާ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި ފްރާންސްއާއެކު ވޯލްޑްކަޕްގެ ރަނަރަޕްކަން ހޯދާފަ އެވެ. މި އެވޯޑް ފާއިތުވި އަހަރު ހޯދާފައި ވަނީ މެސީ އެވެ.

އަންހެން މޮޅު ކުޅުންތެރިޔާ

އަންހެން މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ ބާސެލޯނާގެ ސްޕެނިޝް ކުޅުންތެރިޔާ އަދި އެންމެ ފަހުގެ ބެލޮންޑޯ ހޯދި އައިޓާނާ ބޮންމަޓީ، ރިއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ކޮލޮމްބިއާ ކުޅުންތެރިޔާ ލިންޑާ ކައިސޭޑޯ އަދި ސްޕެއިންގެ ޖެނީ ހެމޯސޯ އެވެ. ވޯލްޑް ކަޕްގެ ތަށި ސްޕެއިންއަށް ހޯދަދިނުމުގައި އިސްރޯލެއް އަދާކުރުމާއެކު ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވުމުން މި އެވޯޑް އެންމެ ހައްގު ކުޅުންތެރިޔަކީ އައިޓާނާ ބޮންމަޓީކަމަށް ގިނަބަޔަކު ބުނެ އެވެ. މިދިޔަ އަހަރު މި އެވޯޑް ހާސިލްކުރި އެލެކްސީ ޕުޓެޔާސްއަށް މިއަހަރު މިލިސްޓުން ޖާގައެއް ނުލިބެ އެވެ.

އެންމެ މޮޅު ފިރިހެން ގޯލްކީޕަރު

މި އެވޯޑަށް ވާދަކުރަނީ ވޯލްޑްކަޕުގައި މޮރޮކޯގެ ތާރީޚީ ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށްވާ ޔަސީން ބެނަޔުން، ރިއާލް މެޑްރިޑްގެ ގޯލްކީޕަރު ބެލްޖިއަމްގެ ކޯޓުއާ އަދި މެންޗެސްޓަ ސިޓީއާއެކު ޓްރެބަލް ކާމިޔާބުކުރި ކީޕަރު ބްރެޒިލްގެ އެޑަސެން އެވެ. މި ލިސްޓުން ކްލަބަށް ހޯދަދީފައިވާ ކާމިޔާބީތަކަށް ބަލާއިރު އެވޯޑް ހާސިލްކުރުން އެންމެ ގާތީ އެޑާސަން ކަމަށް ލަފާކުރެވެ އެވެ.

އެންމެ މޮޅު އަންހެން ގޯލްކީޕަރު

މި އެވޯޑަށް ވާދަކުރަނީ ވެސްޓްހަމް ޔުނައިޓެޑްގެ އޮސްޓްރޭލިއާ ގޯލްކީޕަރު މެކެންޒީ އާނޮލްޑް، ބާރސެލޯނާ އަދި ސްޕެއިންގެ ގޯލްކީޕަރު ކަޓާ ކޮލް އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު މޭރީ އާޕްސް އެވެ. ފާއިތުވެދިޔަ އަހަރުގެ ވޯލްޑްކަޕުގައި މި ތިން ގޯލްކީޕަރުން ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފިރިހެން އެންމެ މޮޅު ކޯޗު

މި އެވޯޑަށް ވާދަކުރަނީ މެންޗެސްޓާ ސިޓީގެ ކޯޗު އަދި ޓްރެބަލް ކާމިޔާބުކުރި ޕެޕް ގާޑިއޯލާ، އިންޓަ މިލާނާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި ކޯޗު ސިމިއޯން އިންޒާގީ އަދި ނަޕޯލީ އާއި އިޓަލީއަށް ކޯޗުކަން ކޮށްދިން ލޫސިއާނޯ ސްޕެލެއްޓީ އެވެ. ހޯދާފައިހުރި ކާމިޔާބީތަކަށްބަލާއިރު މި އެވޯޑް ލިބިގެންދާނީ ޓެކްޓިކަލް ޖީނިއަސް ކޯޗެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕެޕް ގާޑިއޯލާއަށް ކަމަށް ލަފާކުރެވެ އެވެ.

އަންހެން އެންމެ މޮޅު ކޯޗު

މި އެވޯޑަށް ވާދަކުރަނީ ސްޕެއިންގެ ބާސެލޯނާގެ ކޯޗު ޖޮނަތަން ޖިރަލްޑެޒް، ޗެލްސީގެ ކޯޗު އެމާ ހޭޒް އަދި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ސަރީނާ ވެއިގްމެން އެވެ. މިއީ ވަރަށް ވާދަވެރި އެވޯޑަކަށް ވެގެންދާނެ އެވެ.

ފީފާ ޕުސްކަސް އެވޯޑް

އަހަރުގެ އެންމެ ރީތި ގޯލު ޖަހާ ފަރާތަކަށްދޭ މި އެވޯޑަށް ވެސް ތިން ފަރާތަކުން ވާދަކުރެ އެވެ. އެއީ މެންޗެސްޓާ ސިޓީ ކޮޅަށް މެއި މަހު ޕެރަގުއޭގެ ހޫލިއޯ އެންސިސޯ ޖެހި ގޯލާއި، ޖޫން މަހު ބްރެޒިލް ސީރީ ބީގައި ނޮވޮރިޒޮންޓީނޯ ކޮޅަށް ބްރެޒިލްގެ ގުލެރްމޭ މަދްރުގާ ޖެހި ގޯލު އަދި މާޗްމަހު ޕޯޗުގަލް ލީގުގައި ސްޕޯޓިންގް ކްލަބް ކުޅުންތެރިޔާ ނޫނޯ ސަންޓޮސް ބޮއަވިސްޓާ ކޮޅަށް ޖެހި ގޯލެވެ.

މި އެވޯޑްތަކުގެ އިތުރުން "ފީފާ ފޭން އެވޯޑް" އަދި "ބެސްޓް 11" ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑް އާއި ރައްޓެހި ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިން މިއަހަރުގެ ލިސްޓުގައި ނުހިމެނޭކަން ފާހަގަކޮށްލެވެ އެވެ. މީޑިއާނެޓުގެ ކަސްޓަމަރުންނަށް ޓީވީ އަދި އެޕްލިކޭޝަން މެދުވެރިކޮށް ފޯނުން މި ހަފުލާ ބެލޭނެ އެވެ. ލަސް ގަޑިއެއްގައި ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާ ހަފުލާއެއް ކަމަށް ވީނަމަވެސް އެމް އެސް ޓީވީ، އެމް އެސް ލައިޓް އަދި އެމް އެސް ޑިޖިޓަލް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ކެޗަޕް ފީޗާ މެދުވެރިކޮށް ފަހުން ވެސް މި ހަފުލާ ބަލާލެވޭނެ އެވެ.