އެކި ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް 100 އަށް ވުރެ ގިނަ ދިވެހިން އެބަ ތިބި ކަމަށާއި، އޭގެ ތެރެއިން ރާއްޖެ ގެނެވޭ މީހުންގެ އެސެސްމަންޓުތައް ހެދުމަށް ފަހު އެމީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔަ ދިވެހިންނާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޖުމްލަ 100 އަށް ވުރެ ގިނަ މީހުން ގޮސްފައިވާއިރު، އޭގެ ތެރެއިން 90 މީހުން އަނބުރާ އަންނަން ބޭނުންވެ ކަމާ ބެހޭ އިދާރާތަކާ ކޮމިއުނިކޭޓްކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ސީދާ ކޮން ބައެއްކަން އަދި ކަށަވަރު ނުވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ މީހުން ތިބި ތަން ކަށަވަރުކޮށް، އެ މީހުންނާ ގުޅޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އެންމެން ވެސް ރާއްޖެ ގެންނާނީ ރަނގަޅަށް ބަލައި އެސެސްމަންޓަތައް ހެދުމަށް ފަހު، އެއީ ދިވެހިން ކަން ކަށަވަރުވުމުން ކަމަށެވެ.
ރާއްޖެ އަންނަން ބޭނުންވެފައި ތިބި 21 ދިވެހިން މިއަދު ވެސް ވަނީ ގެނެސްފަ އެވެ. އެމީހުންނަކީ ސީރިއާ ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައި ތިބި ބައެއް ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި 5 އަންހެނުން އަދި ފިރިހެނެކެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މި އެންމެން ވެސް މުޖުތަމައުއަށް ނެރޭނީ ރިހެބިލިޓޭޝަން ޕްރޮގްރާމާއި، އެސެސްމަންޓުތައް ފުރިހަމަކުރުމަށް ފަހު އެވެ.
ފިލައިގެން ހަނގުރާމައަށް ދިއުމަކީ ރާއްޖޭގެ ގާނޫނާ ޚިލާފް ކަމަކަށްވާއިރު، މިނިސްޓަރު ވިދާޅުވީ އެސެސްމަންޓުތަކަށް ފަހު އެކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެކެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަމުގައި އާންމުކޮށް އެންމެ ބޮޑު ދެރައެއް ލިބި ވިކްޓިމްސް އަށް ވަނީ ތުއްތު ކުދިން ކަމަށެވެ.
އާންމު ގޮތެއްގައި މިކަންކަން ހިނގަނީ އާއިލާގެ ތެރެއިން އަންނަ އެކި ކަހަލަ ނުފޫޒުން ކަމަށްވާއިރު، މިކަމަކީ ވަރަށް ސިއްރިއްޔާތުގައި ހިންގާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވެސް މި ޚިޔާލު ގެންގުޅޭކަން ފާހަގަވެފައިވާ މީހުން ތިބިކަން އިންޓެލިޖަންސް ރިޕޯޓުތަކުން އެނގިފައިވއިރު، މިކަންކަން ހުއްޓުވުމަށް މަސައްކަތްކުރަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ. އަދި މިފަދަ ކަމެއް އެނގޭ ނަމަ ރިޕޯޓުކުރުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.