ބޮލީވުޑްގެ އެކްޓްރެސް ޓްވިންކަލް ޚަންނާ ލަންޑަން ޔުނިވާސިޓީގެ މަތީ ތައުލީމުގެ ކޯހަކުން ދަސްވެނިވުމުން އޭނާގެ ފިރިމީހާ އަކްޝޭ ކުމާރު އޭނާއަށް ތައުރީފކޮށް ޕޯސްޓެއް ހިއްސާކޮށްފި އެވެ.

އަކްޝޭ ކުރި ޕޯސްޓުގައި ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ޓްވިންކަލް މަތީ ތައުލީމު ފުރިހަމަ ކުރަން ބޭނުންވާ ވާހަކަ ބުނުމުން އެކަމާ ޝައްކު އުފެދުނު ކަމަށާއި އެހެން ނަމަވެސް އެކަމަށް އޭނާކުރި މަސައްކަތް ފެނުމުން ޚިޔާލު ބަދަލުވި ކަމަށެވެ.

ހަމައެއާއެކު އޭނާގެ އަންހެނުންނާ މެދު ފަހުރުވެރިވާ ކަމަށާއި އެކަން ހާމަކޮށްދޭން ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށް އަކްޝޭ ބުނެފައިވެ އެވެ.

މިފަހުން އެދެމަފިރިން ވަނީ ޓްވިންކަލްގެ ދަސްވެނިވުމުގެ ހަފްލާއަށްޓަކައި ލަންޑަންއަށް ދަތުރުކޮށްފަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި މުނާސަބަތު އެމީހުންގެ ކައިވެނީގެ 23 ވަނަ އަހަރީ ދުވަހާ ދިމާވާ ކަމެވެ.

އަކްޝޭ މިފަހުން ދިވެހިންގެ ތެރޭގައި ސަމާލުކަން ހޯދާފައިވަނީ ލަކްޝަދީޕް ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި އޭނާ ރާއްޖެއާ ދެކޮޅަށް ކުރި ކޮމެންޓްތަކެއްގެ ސަބަބުންނެވެ.