ޖިހާދުވުމުގެ ނަމުގައި، އެހެން ގައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވާ ދިއުމަކީ ހަރާމް ކަމެއް ކަމަށް، ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

ސުޕްރީމް ކައުންސިލް ފޯ ފަތުވާ އިން ނެރުނު ބަޔާނުގައި ބުނީ ކީރިތި ރަސޫލާ ﷺ ގެ ސާފު ސަރީހަ ބަސްފުޅުތަކުން އެނގޭ ގޮތުގައި މުސްލިމުންނާއި މުސްލިމުން ހަނގުރާ ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ. އަދި މިހާލަތުގައި މުސްލިމުންނަށް ކޮށްދޭން ޖެހޭ ކަމަކީ މިކަމުން ސަލާމަތްވުމަށް އެދި ދުއާ ކުރުން ކަމަށް ބަޔާނުގައިވެ އެވެ.

"ދާހިލީ ހަނގުރާމަތައް ހިނގަމުންދާ ސޫރިޔާ ފަދަ ގައުމުތަކުގައި ޖިހާދު ކުރަން ބޭނުންވާ އެ ގައުމުގެ ޒުވާނުން އެބަތިއްބެވެ. މި ޒުވާނުންނަކީ ވަރަށް ރަނގަޅަށް ތަމްރީނު ލިބިފައިވާ އެކަމަށް ގާބިލު ބައެކެވެ. އެ މީހުން އެދެނީ އެ މީހުންނަށްޓަކައި ހެޔޮ ދުއާކޮށް ދިނުމަށެވެ." ބަޔާނުގައިވެ އެވެ.

ފަތުވާ މަޖިލީހުގެ ބަޔާނުގައި އިސްލާމޫ ބޮޑެތު ގައުމުތަކުގެ އިލްމުވެރިންނާ ހަވާލާދީ ބުނީ، ސީރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ ހާލަތަށް ބަލާއިރު، ޖިހާދު، އައިނިއްޔަ ފަރުލަކަށް ނުވާ ކަމަށެވެ. އަދި އެއީ ކިފާޔަތުގެ ފަރުލެއް ކަމަށް ބަލައިފި ނަމަ ޖިހާދަށް ދެވޭނީ ވަލިއްޔުލް އަމްރުގެ ހުއްދަ އާއި މައިންބަފައިންގެ ހުއްދާއެކު ކަމަށެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ވަލީއުލް އަމްރަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ގައުމުގެ ގާނޫނުތައް އޮންނަ ގޮތުން، ޖިހާދަށް ނަމުގައި އެފަދަ ބިން ތަކަށް ދިއުމަކީ ގާނޫނީ ބޮޑު ކުށެކެވެ.

ފަތުވާގައި ބުނީ، އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ފިތުނައެއް ކަމަށާއި އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ، އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއް ކަމަށެވެ.

"އިސްލާމީ ގައުމުތަކަށް ނިސްބަތްވާ ބަޔަކު ޖިހާދު ކުރުމުގެ ނަމުގައި ހަމަނުޖެހުން ހިނގަމުންދާ ގައުމުތަކަށް ދިޔުމަކީ މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމުތަކުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެންދާނެ ކަމަށެވެ." ފަތުވާގައިވެ އެވެ.

އެކަމާ ދެކޮޅަށް މުސްލިމުން ކުރަންވީ ކަމަކީ މިކަމުން ސަލާމަތްކޮށްދެއްވާތޯ އެދި ދުއާކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.

ފަތުވާ މަޖިލީހުން މިގޮތަށް ބުނެފައި މިވަނީ ސީރިޔާ ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައި ތިބި 21 ދިވެހިން ދާދި ފަހުން ރާއްޖެ ގެނެސްފައިވަނިކޮށެވެ. މިގޮތަށް އާންމުކޮށް ދަނީ އާއިލާ އަށް އޮޅުވާލައިގެން ކަމަށްވާއިރު، މި ހާލަތްތަކުގައި އެންމެ ގިނައިން ހާލުގައި ޖެހެނީ އަންހެނުންނާއި ކުޑަކުދިންނެވެ. އެގޮތުން އެންމެ ފަހުން ގެނައި 21 މީހުންގެ ތެރޭގައި ވެސް 15 ކުޑަކުދިންނާއި 5 އަންހެނުން ހިމެނެ އެވެ.

މިގޮތަށް ހާލުގައި ޖެހި ރާއްޖެ އަންނަން ބޭނުންވާ 100 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބި ކަމަށާއި، އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.