ކޮވިޑް ޖެހިގެން 60 އަހަރުގެ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

މިއީ ރާއްޖޭގައި މި ބަލި ޖެހިގެން މަރުވި 55 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަަންގިފިލާގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ 60 އަހަރުގެ މީހާ މަރުވީ މިއަދު 11:07 ގައި ކަމަށެވެ.

މި ބަލީގައި މިދިޔަ ބުރާސްފަތި ދުވަހު 84 އަހަރުގެ ފިރިހެނަކު މަރުވަފަ އެވެ. އަދި ބުދަ ދުވަހު ވެސް ކޮވިޑް ޖެހިގެން 70 އަހަރުގެ މީހަކު މަރުވިއިރު، މިދިޔަ އާދީއްތަ ދުވަހު ވެސް ކޮވިޑް ޖެހިގެން އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 55 އަށް އަރާފައިވާއިރު، އެއީ 48 ދިވެހީންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގެ އާ ވޭރިއެންޓް ރާއްޖެއިން ފެނުމާއެކު ކޮވިޑް ފެތުރުން ހަލުވިވެ ކޭސްތަކުގެ އަދަދު މިވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.

މިގޮތުން އިއްޔެ ރާއްޖޭގައި 109 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 2،039 އަށް އަރާފަ އެވެ. އަދި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 16،656 އަށް އަރާފަ އެވެ. މިބަލީގައި މިހާރު ވެސް 207 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގެ ކޭސްތައް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.