ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އާ ދެކޮޅަށް ދައުލަތުން ދައުވާ ކުރި ކޮރަޕްޝަން މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން (ޕީޖީ) އަނބުރާ ގެންގޮސްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވެވި ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ ކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގައި 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރިއިރު، އެ ހުކުމް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 2022 ވަނަ އަހަރު ހައި ކޯޓުގައި އިސްތިއުނާފް ޝަރީއަތް ފެށި އެވެ. އެ މައްސަލަ ކުރިއަށް ގެންދަނިކޮށް ޕީޖީން ވަނީ އެ މައްސަލަ ރިވިއުކޮށް އިސްތިއުނާފް މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.
އެއާ އެކު، ހައި ކޯޓުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ.
ޒިޔާދު، އިސްލާމިކް މިނިސްޓަރު ކަމުން ދުރަށް ވަޑައިގެންނެވި ފަހުން ސިޔާސީ ކަންކަމުން ވަރަށް ބޮޑަށް ދުރަށް ޖެހިވަޑައިގެންނެވި އެވެ. އެކަމަކު، މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް ޒިޔާދު ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. އިންތިގާލީ މަރުހަލާގައި އިސްލާމިކް މިނިސްޓްރީ އަށް ކަނޑައެޅި ޓްރާންސިޝަނަލް ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ވެސް ޒިޔާދު ހިމެނިވަޑައިގެންނެވި އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ޑރ. ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާބޮޑު އެއްޗެއް ނޭނގޭ ކަމަށް އެނގެން އޮތް ކަމަށް ހުކުމްގައިވެ އެވެ. މި ޕްރޮޖެކްޓަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާ އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް އޭގައިވެ އެވެ.