މޫނު ދޮވުމުގައި އަމަލު ކުރަންވީ ގޮތްތަކަށް މާހިރުންގެ ގިނަ އިރުޝާދުތަކެއް ލިބިފައިވެ އެވެ. އޭގެ ތެރެއިން ފިނިކުރި ފެނުން މޫނު ދޮވުމަކީ އެންމެ އާއްމުކޮށް ލިބޭ އިރުޝާދެވެ. އެކަމުން ލިބޭ ފައިދާތައް ގިނަވީމަ އެވެ.

ފިނިކުރި ފެނުން މޫނު ދޮވުމުގެ ކުރިން މޫނު ސާފުކުރަން ވާނެ އެވެ. މޫނުގައި ނުސާފުކަމެއް ހުރެ ފިނިކުރި ފެނުން މޫނު ދޮވުމުން އެ ނުސާފުކަން މޫނުގައި ހަރުލާފައި ހުންނާނެތީ އެވެ.

ފިނިކުރި ފެނުން މޫނު ދޮވުމުން މޫނުގައި ހުންނަ ތެޔޮކަން ފިލާނެ އެވެ. މިއީ މޫނަށް އުޖާލާކަން ގެނެސްދީ ތާޒާ ކޮށްދޭނެ ކަމެއް ވެސްމެ އެވެ.

މީގެ އިތުރުން ވެސް ފިނިކުރި ފެނުން މޫނުގެ ޓިޝޫތައް ބާރުކޮށްދީ، މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ. މޫނުގައި ހުންނަ ރޫތައް ފިލުވައިދީ ޒުވާން ކޮށްދޭނެ އެވެ.

ނަމަވެސް މާ ފިނި މޫސުމެއް ނަމަ ފިނިކުރި ފެނުން މޫނު ދޮވުމުގެ ކުރިން މޫނުގައި މޮއިސްޗަރައިޒާއެއް އުނގުޅަން ވާނެ އެވެ. ނޫންނަމަ ހަންގަނޑު ހިކި، ހަން ފޮޅޭ ގޮތް ވެދާނެ އެވެ.