ބްލެކް ހެޑްސްއަކީ ހަންގަނޑުގެ ތެޔޮވެފައި ހުންނަ ސަރަހައްދު ތަކުގައި ނަގާ ބިހީގެ ބާވަތެކެވެ. ހާއްސަކޮށް މޫނު ތެޔޮވާ މީހުންގެ ނޭފަތުގައި ބްލެކް ހެޑްސް އާއްމުކޮށް ފެނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ބްލެކް ހެޑްސް ފިލުވާލަން ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.
އާވި އެރުވުން
ބްލެކް ހެޑްސް ނައްތާލުމަށް އެންމެ ރަނގަޅު އަދި ފައިދާ ކުރުވަނިވި ގޮތަކީ އާވި އެރުވުމެވެ. ހޫނުފެން ކެއްކުމަށްފަހު ތަށްޓަކަށް އަޅައިފައި މޫނު އެ ތައްޓާއި ދިމާއަށް ތިރިކޮށްގެން 15 ވަރަކަށް މިނިޓް ހުންނާށެވެ. އާވީގެ ދުމުން މޫނުގައި ހުންނަ ވަޅުތައް (ޕޯސް) ހުޅުވޭނެ އެވެ. އޭރުން ބްލެކް ހެޑްސް ނައްތާލަން ފެސޭހަ ވާނެ އެވެ.
ބިހުގެ ހުދުބައި
މިވެސް ވަރަށް އާންމު އަދި ފަސޭހަ ފަރުވާ އެކެވެ. ބިހުން ބިހުގެ ލޮނދި ވަކިކޮށް ހަމައެކަނި ހުދުބައި ގިރާލާށެވެ. އަދި މި ޕޭސްޓް މޫނުގައި ވަކިން ހާއްސަކޮށް ބްލެކް ހެޑްސް ހުރި ތަންތާގައި ހާކާށެވެ. 10 ނުވަތަ 15 މިނިޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.
މާމުއި
މާމުއި ކުޑަކޮށް ހޫނުކޮށްލުމަށްފަހު މޫނުގައި ހާކާފައި 15 ވަރަކަށް މިނިޓް ބަހައްޓާށެވެ. އަދި އޭގެ ފަހުން މޫނު ދޮވެލުމުންވެސް ބްލެކް ހެޑްސް އިން ސަލާމަތްވާން ވަރަށް ބޮޑު އެހީއަކަށް ވެދެއެވެ.
ޝުގާ ސްކްރަބް
ހަކުރު ކޮޅަކަށް ލުނބޯހުތް ކޮޅެއް ފިތާލުމަށް ފަހު މޫނު، ހާއްސަކޮށް ނޭފަތް މަތި އަދި ކޮލުގައި ސްކްރަބް ކޮށްލާށެވެ. މި ޓްރީޓްމަންޓުން ބްލެކް ހެޑްސް ނައްތާލައި މޫނުގައި މަރުވެފައި ހުންނަ ހަންތައް ނައްތައިލައި މޫނުގެ ކުލަ އަލިކޮށް ސާފު ކޮށްދޭނެ އެވެ.