އިންޑިއާގެ ކަނޑުގެ ސިފައިން ރާއްޖޭގެ ތިން މަސް ދޯންޏަކަށް އަރައި އުޅުނީ އެ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެ އޮތް ތިން މަސްދޯންޏަކަށް އެރި ކަމަށެވެ. އެއީ "އަސުރުމާ 3" އާއި "ނެރު 7" އަދި "މާހޯރަ 3" އެވެ.

އޭނާ ވިދާޅުވީ އެ ދޯނި ހިފެހެއްޓީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ލައިންގެ ތެރޭގައި އޮއްވައި ކަމަށެވެ. އަދި އެ ދޯންޏާ ކައިރިކުރީ ޑްރޯންއެއް ފޮނުވައިގެން ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަށް ހަތިޔާރާއެކު އަރައި ހަރަކާތްތެރިވަނީ.

"އަސުރުމާ 3" ދޯނި އޮތް ތަން ޗާޓުން ފެންނަ ގޮތް.އެ ދޯންޏަށް އިންޑިއާގެ ސިފައިންގެ ހަ މީހަކު އެރި ކަމަށް ކެޔޮޅާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

އެ މީހުންނަށް ސެޓެލައިޓް ފޯނު ނަންބަރު ދޭންޖެހޭ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް މަސްވެރިން ބުންޏެވެ.

މިކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެ އެވެ.