ދިވެހި ކަނޑުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯނިތަކަކަށް ބޭރުގެ މަނަވަރުތަކަކުން ހަތިޔާރާއެކު އަރައިފި އެވެ. ވަކި މީހަކު އިސްތިސްނާ ނުވާނެހެން ހުރިހާ ދިވެހިން ވަނީ އެކަމާ ކަންބޮޑުވެފަ އެވެ. މީސްތަކުންގެ ހިތްތަކުގައި އުފެދުނު ސުވާލުތައް ގިނަ އެވެ. މަސް ދޯނިތަކަށް އެރީ ކޮން ބައެއް ހެއްޔެވެ؟ އެމީހުން ކުރީ ކީއް ހެއްޔެވެ؟ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުތަކަށް ކަމާ ބެހޭ ފަރާތްތަކުން ޖަވާބެއް ނުދެ އެވެ.

ދިވެހީންގެ ހިތްތަކުގައި އުފެދުނު ސުވާލުތަކަށް ކިރިޔާ ވެސް ޖަވާބެއް ލިބުނީ ބޮޑު ކަންނެލި ޔޫނިއަންގެ ފަރާތުންނެވެ. ރާއްޖޭގެ ސިފައިންގެ ފަރާތުން ވެސް ދިވެހި ސަރުކާރުގެ ކަމާ ބެހޭ އެހެން މުއައްސަސާއަކުން ވެސް ވަކި ވާހައެއް ނުދައްކަ އެވެ.

ބޮޑު ކަންނެލި ޔޫނިއަނުން ދެއްކި ވާހަކަތަކަށް ބަލާއިރު ހިނގައިދިޔައީ ނުރައްކާތެރި ހާދިސާ އެކެވެ. ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ގެންދިޔަ ތިން ދޯންޏަކަށް މި ސަރަހައްދުގެ ބޮޑު ބާރު ކަމަށްވާ އިންޑިއާގެ ކޯސްޓް ގާޑުގެ އުޅަނދުތަކަކުން ގޮސް ހަތިޔާރާއެކު އަރައި ފަޅުވެރިންނަށް ބިރު ދެއްކީ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަށް ހަތިޔާރާއެކު އަރައި ހަރަކާތްތެރިވަނީ.

މިހާތަނަށް ހާމަވި މައުލޫމާތުތަކަށް ބަލާއިރު އިންޑިޔާގެ ހަތިޔާރު އެޅި ސިފައިން ދޯނީގެ މީހުންނާ ސުވާލުކޮށްފައި ވަނީ ދޯނީގައި އޮތް ސެޓެލައިޓް ފޯނަކާ ބެހޭ ގޮތުންނެވެ. އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވެ އެވެ.

ދިވެހި ގައުމުގެ ދިފާއީ ބާރުން މި މައްސަލައާ ބެހޭ ގޮތުން މި ރިޕޯޓް ލިޔުނު ވަގުތާ ހަމަޔަށް ހާމަކުރި ހަމައެކަނި މައުލޫމާތަކީ އިންޑިއާ ސިފައިން އެރި ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފްގެ އުޅަނދެއް ދަތުރުކުރަމުން ގެންދާ ކަމަށެވެ. އެ އުޅަނދެއް ފުރީ ކޮންއިރަކު ކަމެއް، އެ އުޅަނދަށް ދޯނިތަކާ ހަމަޔަށް ދެވޭނީ ކިހާ އިރަކުކަން ވެސް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދަކީ ބޭރުގެ ދެ ގައުމަކާ އެކު ދިވެހިން ހިއްސާ ކުރާ ސަރަހައްދެކެވެ. ސްރީލަންކާ އާއި އިންޑިއާގެ އިގުތިސާދީ ސަރަހައްދާ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ފުށުއަރަ އެވެ. މީގެ އިތުރުން މި ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަހަރުގެ މުހިންމު މަގަކަށް ވާތީ ރެއާއި ދުވާލު އެ ސަރަހައްދު ހުރަސްކޮށް އުޅަނދުތައް ދަތުރު ކުރާނެ އެވެ. އެހެންކަމުން އެ ސަރަހައްދުގައި މަސްވެރިކަން ކުރަން ނުކުމެ އުޅޭ ދިވެހި މަސްވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުން ޚާއްސަ ސަމާލު ކަމެއް ދޭން ޖެހެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަށް ހަތިޔާރާއެކު އަރައި ހަރަކާތްތެރިވަނީ.

އިންޑިއާ ސިފައިންގެ ނޭއްގާނީ ހަމަލާ ދިވެހި މަސްވެރިންނަށް އަމާޒުވިތާ އެއްދުވަސް ފާއިތުވި އިރު ވެސް ދިވެހި ސަރުކާރުން ވެސް އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނެތެވެ. ސަރުކާރުގެ އިސް ބޭފުޅަކަށް ކިރިޔާ ވެސް ބަހެއް ވިދާޅުވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. އޭނާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމުގައިވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމާ ކަންބޮޑުވާ ކަމުގައި ވިދާޅުވެފަ އެވެ. ދިވެހި ހުރިހާ ރައްޔިތުންނެކޭ ވެސް އެއްފަދައިން އެމނިކުފާނު ވެސް ވިދާޅުވީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގަ އެވެ. ފިޝަރީޒް މިނިސްޓަރުގެ ހައިސިއްޔަތުން މަސްވެރިންގެ ހިމާޔަތުގައި އަޅުއްވާނެ ފިޔަވަޅެއް ނުވަތަ އިންޑިއާގެ ކޯސްޓު ގާޑުން ދިވެހި ދޯނިތަކަށް އަމާޒު ކުރި އުދުވާނާ ގުޅިގެން އަޅުއްވާނެ ފިޔަވަޅެއްގެ އިޝާރަތެއް ވެސް ނުކުރައްވަ އެވެ.

މާޒީ އަށް ބަލާ އިރު ދިވެހި ކަނޑުތަކުގައި މަސްވެރިނަނަށް ދިމާވެފައި އޮންނަނީ ވަގަށް މަސްވެރިކަން ކުރަން އުޅޭ ބޯޓުފަހަރުގެ މައްސަލަ އެވެ. އެފަދަ މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު މައްސަލަ ޖެހޭ ހިސާބުން ފެށިގެން ނިމެންދެން ކަން ހިނގާ ގޮތް ދިވެހި ދިފާއީ ބާރުން ވަރަށް ރަނގަޅަށް ހިއްސާ ކުރެ އެވެ. އެހެން ނަމަވެސް ދިވެހި ކަނޑުގެ ސަރަހައްދަށް ބޭރުގެ މިލިޓަރީ އުޅަންދުތަކެއް ވަދެ ދިވެހި މަސްވެރިންނަށް ބިރު ދައްކަމުން ގެންދާ އިރު، ފެންނަނީ އެކަމާ ބެހޭ މައުލޫމާތު ހިފަހައްޓާފައިވާ ތަނެވެ.

ރާއްޖޭގެ ރައީސް ކަމަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވީ ދިވެހިންގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ އެ މިނިވަންކަން އަލުން ހޯއްދަވައި ދެއްވާނެކަމުގެ ވަރުގަދަ ވައުދަކާ އެކު އެވެ. ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރާ ހޯއްދަވާދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ވާހަކަފުޅުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މައްޗަށް އިންޑިއާއިން ފަތުރާފައި އޮތް ނުފޫޒުން ސަލާމަތްވުމެވެ.

އެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރަށް ތިން މަސް ވާން ކައިރިވެފައިވާއިރު އިންޑިއާ ސިފައިން ބޭލުމާ ބެހޭ ގޮތުން އެއްވެސް ކޮޅެއް ނުފެނެ އެވެ. އެފަދަ ހާލެއްގައި ސަރުކާރު އޮތް އިރު މިއަދު ކުރިމަތިވެފައި މިވަނީ އިންޑިއާ އިން ހަތިޔާރާ އެކު ދިވެހި މަސްކަނޑަށް ވަދެ ބޭނުންއިރަކު ބޭނުން އުޅަނދަކަށް އަރަމުންދާ ތަނެވެ. އެކަމާ މެދު ސަރުކާރަށް ފިޔަވަޅެއް އެޅުމަށް ނުކުޅެދުމުގެ އިތުރުން އެވާހަކަ ދައްކަން ވެސް ބޭނުމެއް ނުވެ އެވެ.