މިދިޔަ ބުދަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދުގައި އޮތް މަސް ދޯންޏަކަށް އެރި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި އިންޑިއާ ސިފައިން އަރާ ތިބި ދޯނި ކައިރީގައި ރާއްޖޭގެ އިތުރު ދެ ދޯންޏަކާއި އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ވެސް ހަރަކާތްތިވާތަން ފެނެ އެވެ.

އިންޑިއާގެ ސިފައިން ތިބީ ބަޑި ވެސް ހިފައިގެންނެވެ. އަދި އެ މީހުން ވޯކީޓޯކީ ވެސް ގެންގުޅުނެވެ. ވީޑިއޯ ކުރި ދިވެހި މަސްވެރިޔާ ވާހަކަދައްކާ އަޑު ވެސް އެ ވީޑިއޯ އިން އިވެ އެވެ.

"މިތިބީ އެމީހުން [އިންޑިއާ ސިފައިން] ހުރިހާ އެންމެން [މަސްވެރިން] އެތިބީ ދޯނީގެ އެންމެ ފަހަތަަށް ގެންގޮސްފައި،" ދިވެހި މަސްވެރިޔާ ބުންޏެވެ.

އެ ވީޑިއޯ އިން ފެންނަގޮތުގައި 13 ވަރަކަށް ދިވެހި މަސްވެރިން ކިޔަމަންތެރި ކަމާއެކު އިންޑިއާ ސިފައިން ކައިރީ ތިބިތަން ފެނެ އެވެ. އަދި ޔޫނީފޯމް އަޅައިގެން ހުރި އިންޑިއާ ސިފައިންގެ މީހަކު އެ ދޯނި ކައިރީގައި އޮތް ޑިންގީ ސްޓާޓް ކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯނިތަކަށް އެރި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.