ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަންނަ މެއި މަހު 10ގެ ނިޔަލަށް އަނބުރާ ގެންދަން އެ ގައުމުން މިއަދު އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ބޭއްވި ދެ ގައުމުގެ މަތީފަންތީގެ ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އިންޑިއާގެ ތިން އުޅަނދުގެ ތެރެއިން ދެ އުޅަނދެއްގައި ހަރަކާތްތެރިވާ ސިފައިން އަންނަ މަހު 10ގެ ކުރިން އަދި އަނެއް ދެ އުޅަނދުގެ ސިފައިން 10 މޭގެ ކުރިން އަނބުރާ ގެންދަން އެއްބަސްވެފައިވާ ކަމަށެވެ.

އެ ސިފައިން ފޮނުވާލުމަށްފަހު އެ އުޅަނދުތައް ދުއްވާނީ ކޮން ބައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ސަރުކާރުން މިހެން ބުނިނަމަވެސް އިންޑިއާއިން މިކަން ބުނެފައެއްނުވެ އެވެ.

އެ ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ, އިންސާނީ އެހީތެރިކަމާއި ސިއްހީ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރެވިފަ އެވެ. އެގޮތުން އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.