ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) އައްޔަންކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ޖަވާ އައްޔަންކޮށް، ލިޔުން ހަވާލު ކުރީ މިދިޔަ ބުދަ ދުވަހެވެ. ނަމަވެސް މިހާތަނަށް އޭނާ މަގާމަށް އައްޔަނު ކުރިކަން ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްޑޭޓް ކޮށްފައެއް ނުވެ އެވެ.

ޖަވާ އާއެކު މިހާރު ޔޫތު މިނިސްޓްރީގައި 10 ޑެޕިއުޓީ މިނިސްޓަރު ތިއްބަވަ އެވެ. އަދި އެ މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ވެސް ތިއްބަވަ އެވެ.

އެފްއޭއެމްގައި 25 އަހަރު އެކި މަގާމުތަކުގައި ހިދުމަތް ކުރެއްވުމަށްފަހު، އެންމެ ފަހުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމު ފުރުއްވަމުން ގެންދެވި ޖަވާޒު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހެވެ. ޖަވާ އަކީ އެފްއޭއެމަށް އިންތިހާބުން އެގްޒެކެޓިވް ކޮމިޓީ ހޮވަން ފެށީންސުރެ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަން އެންމެ ގިނަ ދުވަހު އަދާކުރެއްވި އެ ބޭފުޅެވެ.

ޖަވާޒު ވަނީ ސްޕޯޓްސް މެނޭޖްމެންޓު ދާއިރާއިން މާސްޓަ ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.