އިސްތަށިގަނޑަކީ މީހަކަށް އެންމެ ފުރަތަމަ ފާހަގަވާނެ ތިބާގެ ސިފަ އެވެ. އިސްތަށިގަނޑު ރީއްޗަށް ހުރުމަކީ ތިބާގެ "ފަސްޓް އިމްޕްރެޝަން" ރަނގަޅުވާ ކަމެކެވެ. ނަމަވެސް އިސްތަށިގަނޑު ގެންގުޅުމުގައި ހެދޭ ބައެއް ގޯސްތަކުން އޭގެ ފުރިހަމަކަން ގެއްލޭ ފަހަރު އާދެ އެވެ. ތިރީގައި އެވަނީ އެފަދަ ބައެއް ގޯސްތަކެވެ.

މާ ގިނައިން ފުނާ އެޅުން

މާ ގިނައިން ފުނާއެޅުމަކީ އިސްތަށިގަނޑަށް ގެއްލުން ލިބޭ ކަމެކެވެ. ބޮލުގެ ހަމުން އަބަދުވެސް ގުދުރަތީ ތެޔޮ އުފައްދާދޭއިރު މިއީ އިސްތަށިގަނޑަށް ލިބޭނެ އެންމެ ބޮޑު ކޮންޑިޝަނާ އެވެ. އެހެންކަމުން އަބަދު ބޮލުގައި ފުނާ އެޅުމުގެ ބަދަލުގައި ބޮލުގެ ހަންގަނޑު މަސާޖުކޮށްދީ އިސްތަށިގަނޑުގެ މުލުން ބުޑުތަކާއި ހިސާބަށް ފުނާއަޅަން ސަމާލުކަން ދޭށެވެ.

މާ ގިނައިން ދޮވުން

ކޮންމެ ދުވަހަކު ޝޭމްޕޫ އާއި ކޮންޑިޝަނާ ލައިގެން އިސްތަށިގަނޑު ދޮންނަނަމަ އެއީ ވެސް ބޮޑު ގެއްލުމެއް އިސްތަށިގަނޑަށް ލިބިދާނެ ކަމެކެވެ. މާ ބޮޑަށް ސާފުތާހިރުވާނެއޭ ހިތާ އަދި މިކަން ކުރިޔަސް، އަސްލު ނަތީޖާއަކީ މީގެ ސަބަބުން އިސްތަށިގަނޑުގެ ދިރުމާއި އުޖާލާކަން ގެއްލިދިއުމެވެ.

ތުވާލިން މާ ބާރަށް ހިއްކުން

އަވަސް އަރުވާލައިގެން ބޯ ހިއްކާލަން ބޭނުންވެގެން ތުވާލިން އިސްތަށިގަނޑު އޮޅައި ހެދުމަކީ އެކަމުން އިސްތަށިގަނޑު ބަލިކަށިވާ ކަމެކެވެ. އޭގެ ބަދަލުގައި ތުވާލިން ކޮޑަކޮށް ހިއްކާލުމަށްފަހު އަތުން ފުނާއަޅާ އިސްތަށިގަނޑު ހިކެންދެން ބަހައްޓާށެވެ. ގިނައިރުވިޔަސް މިއީ އިސްތަށިތައް ހަލާކުވުމުން ދުރުކޮށްދޭނޭ ކަމެކެވެ.

ތެތް އިސްތަށިގަނޑު ސްޓައިލް ކުރުން

ތެތް އިސްތަށިގަނޑާއި ހޫނު ޓޫލްސްތަކާއި މިއީ އެއްވެސް ވަރަކަށް އެއް ވެގެން ނުވާނެ ދޭއްޗެކެވެ. ތެތްކޮށް ހުންނައިރު ހޫނު އާލާތްތައް ޖެއްސުމުން އިސްތަށިގަނޑުގެ ފޮލިކަލްސްތައް ހަލާކުވުމަށް މަގުފަހިވެ އެވެ. ކިތަންމެ ލަސްވެގެން އުޅުނަސް، ރަނގަޅަށް އިސްތަށިގަނޑު ނުހިއްކާ ހޫނު ސްޓައިލިން އާލާތެއް ބޭނުން ނުކުރާށެވެ.