ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީގައި ކުއްޖަކު މަރުވި މައްސަލައާ ގުޅުންހުރި ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަރުކޮށްފި އެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނި އުމުރުން 27 އަހަރުގެ މީހަކާ، 23 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެކެވެ.

ރޭ ހިނގި މާރާމާރީގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުންދާއިރު 17 އަހަރުގެ ކުޑަ ކުއްޖަކުވަނީ މަރުވެފަ އެވެ.

މިމާރާމާރީގައި ސީރިއަސް ޒަހަމްތަކެއްވެ ފަރުވާދެމުންދާ ފިރުޝާން ޒާހިރުއާއި މަރުވި އަހްމަދު އަދައްޔުއަކީ ދެބެއިން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މާރާމާރީގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަު ޝަރީފް އަހުމަދު ވިދާޅުވި އެވެ.

"އެކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށްވަނީ ތޫޫނު އެއްޗަކުން ހަމަލާ ދީފަ،" ޝަރީފް ވިދާޅުވި އެވެ.

މާރާމާރީއާއި، އުދައްޔުގެ މަރުގެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ހަމީދު ވިދާޅުވިގޮތުގައި ފުލުހުންގެ ސީރިއަސް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މިމައްސަލަ ތަހުގީގުކުރަން ވަނީ ނިންމާފަ އެވެ. އަދި މައްސަލައިގެ ތަހުގީގަށް މާމެންދޫއަށް ފުލުހުންގެ ޓީމެއް މިއަދު ދާނެ ކަމަށާއި، ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށް ވެސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.