ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ބަންގްލަދޭޝްގައި ވެސް ތުރުކީގެ ޑްރާމާ ސީރީޒް، ޑިރިލިސް އާޓުގުލްގެ މަގުބޫލުކަން ވަނީ ބޮޑުވެފަ އެވެ.
"މީހުން އާދޭ ފޯނާއި މެމޮރީ ކާޑު ހިފައިގެން އެ ސީރީޒް އަޅަން ވަރަށް ގިނައިން. މިހާރު ލަވައަށް ވުރެ ބޮޑަށް އެ ސީރީޒް ހިނގާ،" ބަންގްލަދޭޝްގެ ބަރްގޫނާގައި ފޯނު ވިއްކާ ފިހާރައެއް ހިންގާ ފަރްހާދް ހުސައިން ބުންޏެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޕްރައިވެޓް ކޮލެޖެއްގައި އިންޓަމީޑިއޭޓް ކިޔަވާކުއްޖެއް ކަމަށްވާ އޮލިއުރް ރަހްމާން އަލީ ބުނި ގޮތުގައި އެ ސީރިޒްގެ ބެންގާލީ އަޑު އަޅާފައިވާ ވާޝަން ބެލުމަކީ އޭނާގެ ދުވަހު ތާވަލުގެ މުހިއްމު ކަމެކެވެ. މިދިޔަ އަހަރުން ފެށިގެން އެ ގައުމުގެ ޓީވީ ޗެނަލަކުން އަންނަނީ ތުރުކީ ސީރީޒްއަށް އެ ގައުމުގެ ބަހުން އަޑު އަޅައިގެން ގެނެސްދެމުންނެވެ.
"އަހަރެން ހިއެއް ނުކުރަން ތާރީހީ ޑްރާމާއެއް އެހާ އިބުރަތްތެރިކޮށް ގެނެސްދެވޭނެ ކަމެއް،" އޮލީ ބުންޏެވެ.
އެ ސީރީޒްގެ ސީޒަން އެކަކާއި ދޭއެއް ނިންމާލުމަށްފަހު ކެތްތެރިކަމެއް ނެތި އޭނާ އިންތިޒާރުކުރަމުން ދިޔައީ ސީޒަން ތިނަކަށެވެ.
އީދު ފާހަގަކުރުމަށް ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރަން ދިޔައިރު އޮލީ ދިޔައީ އެ ސީރީޒް ޕެންޑްރައިވް އަކަށް އަޅައިގެން އޭތި ހިފައިގެންނެވެ.
އޭނާ އެ ޕެންޑްރައިވް ހޮސައިން އަތަށް ދިނުމުން އޭނާ ވަނީ އެ ސީރީޒް އޭނާގެ ކަސްޓަމަރުންގެ ފޯނުގެ މެމޮރީކާޑަށް ޑައުންލޯޑްކޮށްދޭން ފަށާފަ އެވެ. އެއާއެކު އެ ސީރީޒްއަށް އޮންނަ ޑިމާންޑް ބޮޑުވެ އެ ހޯދުމަށް ކަސްޓަމަރުން ފިހާރަ ބޭރުގައި ކިޔު ހަދާލި އެވެ.
ތުރުކީއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުސްތަފާ އޮސްމާން ޓުރާން ވިދާޅުވި ގޮތުގައި ތުރުކީގެ ޑްރާމާތައްވެފައި ވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ.
"ލޯކަލް އުފެންދުންތަކަށް އެކަށީގެންވާ ބަޖެޓެއް ނެތުމައި އެކު ވެސްޓާން އަދި އިންޑިއާގެ ސީރީޒްތަކާއި ވާދަކޮށްލުމކީ އުނދަގޫ ކަމެއް. މިއީ އެނޫން އެހެން ގައުމެއްގެ އުފެއްދުމަކަށް ބަންގްލަދޭޝްގައި މިހާބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ބަންގްލަދޭޝްގެ އިތުރުން ދިވެހިރާއްޖޭގައި ވެސް ތުރުކީ ސީރީޒްތަކާއި ފިލްމުތައް މަގުބޫލެވެ. ފިލްމު ވިއްކާ ފިހާރަތަކާއި ނެޓްފްލިކްސް ފަދަ މަންސަތަކުގައި ދިވެހިން އެންމެ ގިނައިން ބަލާ ސިރީޒްތަކުގެ ތެރޭގައި ޓުރުކީގެ ޑްރާމާ ސީރީޒްތައް ހިމެނެ އެވެ.