އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ދެވަނަ ކެންސަރާ ހަނގުރާމަ ކުރައްވަމުން ގެންދަވާ ކަމަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން ހާމަކޮށްފި އެވެ.
ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގުނީ ދާދި ފަހުން ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމުގެ ތެރޭގައި ކަމަށެވެ.
މިއާއެކު ކުރިއަށް އޮތް ދުވަސްތަކަށް ތާވަލް ކުރެވިފައިވާ ރަސްގެފާނުގެ އާއްމު ފެނިލުންތައް ފަހުގެ ތާރީހަކަށް ބަދަލު ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އުމުރުން 75 އަހަރުގެ ޗާލްސް ހުންނެވީ ހިތްވަރު ގަދަކަމާއެކުގައި ކަމަށާއި ވަރަށް އަވަހަށް ޝާހީ މަސައްކަތްޕުޅުތައް ފައްޓަވަން އުއްމީދު ކުރައްވާ ކަމަށެވެ.
ރަސްގެފާނުގެ އާލާސްކަންފުޅުގެ ހަބަރު ލިބިވަޑައިގަތުމާއެކު އެމެރިކާގައި ދިރިއުޅުއްވާ ދަރިކަލުން ޕްރިންސް ހެރީ ވެސް ވަރަށް އަވަހަށް އިނގިރޭސި ވިލާތަށް ވަޑައިގެން ބައްޕާފުޅާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މި ހަބަރު ޝާހީ ގަނޑުވަރުން އާއްމު ކުރުމާއެކު އިނގިރޭސި ރައްޔިތުން އަންނަނީ މަގުތަކަށް އެއްވެ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދި ޝުއޫރު ފާޅުކުރަމުންނެވެ.