ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތްކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގައި ތުހުމަތުވާ މައްސަލަ އާއި ގުޅިގެން އެންޓިކޮރަޕްޝަން (އޭސީސީ) އާއި ފުލުހުންގެ ވެރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރ މަހުގެ ދެވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ވެންޓިލޭޓަރު ޚިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދުމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު ޕީޖީއާއި އޭސީސީއަށް މިކަމާބެހޭ މަޢުލޫމާތު ހޯދަން ސިޓީއަކުން ދަންނަވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
''މިއަދާ ހަމައަށްވެސް އޭސީސީން ވެސް އަދި ފުލުހުން ވެސް ޕީޖީން އެބޭނުންވާ އެއްވެސް މައުލޫމާތެއް ފޮނުއްވަވާފައި ނުވާކަމަށް. އެހެންވީމާ އަޅުގަނޑު އަނެއްކާވެސް ޖުޑީޝަރީ ކޮމިޓީގައި މިއެދެނީ މި މުއައްސަސާތަކަށް، އެއީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ފުލުހުންގެ ކޮމިޝަނަރާއި ދެބޭފުޅުންގެ ގާތުގައި އަނެއްކާވެސް އައްސަވައިގެން ސާފުކުރަން. އެބޭފުޅުން އެމައުލޫމާތު ސިއްރު ކުރައްވާ ޕީޖީއަށް އެމައުލޫމާތު ނުދެއްވާ އެތިއްބެވީ ކޮން ސަބަބުތަކަށްޓަކައިތޯ ސާފުކުރުން،" ނަޝީދު ވިދާޅުވި އެވެ.
ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނުގެ އިތުރުން 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ވަނީ ޕީޖީ އަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނާޢީ ދައުވާއެއް އުފުލޭވަރާ ގާތަށް ވެސް ހެކި އޭސީސީއަށް ހުށަހެޅިފައި ނެތުމުން ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.
ނަމަވެސް ފަހުން ޕީޖީ އަށް އޭސީސީ އިން ވަނީ ސިޓީއެއް ފޮނުވާ އެ މައްސަލާގައި ދައުވާ ނުކުރާން ނިންމި ނިންމުން ބާތިލްކޮށް އަލުން މައްސަލަ މުރާޖަޢާ ކޮށްދިނުމަށް އެދިފަ އެވެ.