ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފި އެވެ.

ރޭ މަރާލީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓް މޯޓަމް ހެދުމަށްޓަކައި އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެކެވެ.

އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަޅިން ވަނީ ހަމަލާދީފަ އެވެ. އޭނާ އަށް ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

އެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި މާރާމާރީގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވި އެވެ.

"އެކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށްވަނީ ތޫޫނު އެއްޗަކުން ހަމަލާ ދީފަ،" ޝަރީފް ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ ޓީމެއް މިއަދު ވަނީ އެރަށަށް ގޮސްފަ އެވެ.