ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކުރިއަށް އޮތް ފިލުމު 'ފުރޭތަ" އަންނަ މަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ޑާކްރެއިނުން ބުނީ "ފުރޭތަ" އޮލިމްޕަހަށް އަރާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އެ ސްޓޫޑިއޯ އިން ވަނީ ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން މި އަހަރު ޖެނުއަރީ މަހު މި ފިލްމު ރިލީޒްކުރާނެ ކަމަށްވެސް ޑާކް ރެއިންއިން ބުންޏެވެ. އެކިއެކި ކަންކަމާ ހުރެ ތާރީހަކަށްފަހު ތާރީހެއް ދެމުން އަޔަސް މިފަހަރު މިއީ ފައިނަލް ތާރީހު ކަމަށް ޑާކްރެއިން ބުނެ އެވެ.

މިފިލްމުގެ ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހޮޓްލައިން ނަމްބަރަކީ 9911229 އެވެ.

މި މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ޗިއްޕެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ މާޗްގައި މީޑިއާ ނެޓުން ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

https://www.facebook.com/darkrainentertainment/videos/1097003084982333

ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.

ޑާކްރެއިނުން މިދިޔަ އަހަރު ވަނީ ދެ ފިލްމެއް އޮލިމްޕަހަށް ގެނެސްދީފައެވެ. އެއީ ބީވީމާ އަދި ނޮވެމްބާ އެވެ. މިއަހަރު ވެސް އެ ކުންފުނިން ދެ ފިލްމެއް އޮލިމްޕަހަށް ގެންނާނެ ކަމަށް ލަފާކުރެވެ އެވެ. ޑާކްރެއިންގެ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހު ރިލީޒްކުރާއިރު "ބަޅިނދު" ވެސް މި އަހަރު ފަހުކޮޅު ރިލީޒްކުރާނެކަމަށް ބެލެވެ އެވެ.