ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީގައި ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 25 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކު މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެކުރިން މި މައްސަލާގައި 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު ފަހަކަށް ވަނީ އަރާފަ އެވެ.

މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ. ޒަހަމްވެފައިވަނީ އުއްދަޔުގެ ބޭބެ ފިރުޝާން ޒާހިރެވެ.

ފިރުޝާނަށް ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި މާރާމާރީގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވި އެވެ.

"އެކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށްވަނީ ތޫޫނު އެއްޗަކުން ހަމަލާ ދީފަ،" ޝަރީފް ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމެއް މާމެންދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.