މި ސަރުކާރުގައި މަސްވެރިންނަށް ޖުމްލަ 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިހާރު ނުދެވި ހުރީ 270 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަން ރުފިޔާ ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިހާރު ކުރަމުންދަނީ އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު 270 މިލިއަން ރުފިޔާ ނުދެވިހުރިކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި މަސްވެރިން ބޭނުންވަނީ އެ ފަރާތްތަކުން ކިރުވާ މަހަށްވާ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށާއި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރި ނަމަވެސް ދައުރު ނިމުނުއިރު ވެސް އެ ރޭޓުގައި މަސްވެރިންނަށް އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާ ކަމަށެވެ. ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސިޔާސީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް ޝިޔާމް ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން، މިދިޔަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު އެ އަދަދު 500 މިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަކަން ފާހަގަކުރެއްވި އެވެ.
"އޭރު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލު ކުރި ފަހުން ކުރީ ސަރުކާރުން ނިމިދޔަ އިރުވެސް 25 ރުފިޔާގެ އަގުގައި މަސްވެރިންނަށް ފައިސާ އެއްވެސް ވަރަކަށް ނުދެވޭކަން އަޅުގަނޑު ފާހަގަކުރަން." މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
މިސަރުކާރުން ވަނީ މިފްކޯއަށް މަސް ގަންނަ އަގު މިހާރު 25 ރުފިޔާއިން 20 ރުފިޔާއަށް ބަދަލުކޮށްފަ އެވެ.