ބޮލީވުޑްގެ އެންމެ މަޝްހޫރު އާއިލާ ކަމަށްވާ ކަޕޫރު އާއިލާއަށް މިވަނީ އެއް އަހަރު ތެރޭ ދެވަނަ ހިތާމަވެރި ހަބަރު ލިބިފަ އެވެ. ރިޝީ ކަޕޫރު މަރުވިތާ އަހަރެން ނުވަނީސް އޭނާގެ ކޮއްކޮ، ރާޖީވް ކަޕޫރު މިވަނީ އިއްޔެގެ ވަގުތެއްގައި މަރުވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 58 އަހަރުގައި ރާޖީވް ކަޕޫރު މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުންނެވެ.

ރާޖީވް ކަޕޫރަކީ އެކްޓަރެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ.

އޭނާ ފިލްމީ ދާއިރާގައި މަޝްހޫރުވެފައިވަނީ "އެކް ޖާން ހޭ ހަމް (1983)" ފިލްމުންނެވެ. އޭގެ ފަހުން "އާސްމާން"، "ރާމް ތޭރީ ގަންގާ މާލީ"، އަދި އޭނާގެ އެންމެ ކޮންޓްރޮވާޝިއަލް ފިލްމު "ލަވާ ބޯއީ"، "ޒަބަރްދަސްތް" އަދި "ހަމް ތޯ ޗަލޭ ޕަރްދޭސް" ހިމެނެ އެވެ. އެންމެ ފަހުން ރާޖީވް ކަޕޫރު ފެނިގެން ދިޔައީ 1990 ވަނަ އަހަރު ނެރުނު ފިލްމު "ޒިންމޭދާރް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ފިލްމީ ދާއިރާއިން ރިޓަޔާ ވެފަ އެވެ.

ރާޖީވް ކަޕޫރުގެ ބައްޕަ ރާޖް ކަޕޫރުގެ މަރަށް ފަހު އޭނާ ވަނީ ބައްޕަގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށްވާ، ކްރޮސް-ބޯޑާ ލޯބީގެ ފިލްމެއް ކަމަށްވާ "ހީނާ" އުފައްދާފަ އެވެ. ރާޖީވްގެ އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުމެފައިވަނީ 1996 ވަނަ އަހަރު "ޕްރޭމް ގްރާންތު" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ލިބިފަ އެއް ނުވެ އެވެ. ރިޝީ ކަޕުރު ޑައިރެކްޓްކުރި މި ފިލްމުގައި ރާޖީވްއާއެކު ފެނިގެން ދިޔައީ މާދޫރީ ދިކްޝިޓް އެވެ.

ރާޖީވް ކަޕޫރު ވަނީ 1999 ވަނަ އަހަރު "އާ އަބް ލޯޓް ޗަލޭ" ފިލްމު އުފައްދާފަ އެވެ. ރިޝީ ކަޕޫރު ޑައިރެކްޓްކުރި މި ފިލްމަކީ ރާޖީވް ކަޕޫރު ބޮލީވުޑްގައި ކުރި އެންމެ ފަހު މަސައްކަތެވެ.

ރާޖް ކަޕޫރުގެ ތިން ފިރިހެން ކުދިން ތިބޭއިރު އޭނާ އެންމެ ލޯބިވާ ދަރިއަކީ ވެސް ރާޖީވް ކަޕޫރެވެ. ރިޝީ ކަޕޫރު މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ ވަނީ ރާޖީވް ކަޕޫރު ބޮލީވުޑަށް ނެރުމަށް "ރާމް ތޭރީ ގަންގާ މާލީ" ފިލްމު އުފައްދާފަ އެވެ. އެހެން ނަމަވެސް އޭނާ ބޮލީވުޑަށް ނުކުތް ފިލްމު "ބޮބީ" އަކީ ބައްޕަގެ އުފެއްދުމެއް ނޫން ކަމަށް ރިޝީ ބުންޏެވެ.

ރަޖީވް ކަޕޫރުގެ އާއިލާއާ ގާތް މީހަކު "ބޮލީވުޑް ހަންގާމާ" އަށް ބުނެފައިވާ ގޮތުގައި ރާޖީވް ކަޕޫރު ދިރިއުޅެމުން ދިޔައީ އެކަނިމާ އެކަނި އާއިލާއާއި ވަރަށް ދުރުގަ އެވެ. އަދި އާއިލާގެ މެންބަރުންނާ ބައްދަލުކުރަނީ ވެސް ވަރަށް މަދުންނެވެ. ނަމަވެސް ރަންބީރް ދެކެ އޭނާ ވަރަށް ލޯބިވެ އެވެ. އެގޮތުން އަގުބޮޑު ހަދިޔާއާއި އަގުބޮޑު ގަޑި ދީ ހަދަ އެވެ.

ރާޖީވް ކަޕުރޫ ކައިވެންޏެއް ކުރި އެވެ. އެ ކައިވެނި ރޫޅިފައިވާ އިރު ދަރިއަކު ލިބިފައިނުވެ އެވެ.

މަރުވި އިރު ރާޖީވް އުޅުނީ އެކަނި، ޗެންބޫރުގަ އެވެ. ބަލިވެ އުޅޭތީ އެ ގޭގައި ނަރުހުން ތިބެ އެވެ. އިއްޔެ ހެނދުނު އޭނާ އުޅޭ ކޮޓަރިއަށް ނަރުހަކު ވަތް އިރު އޮތީ މަރުވެގެން ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ. ބެލެވޭ ގޮތުގައި މަރުވެގެން ވެއްޓިފައިވަނީ ފާހާނާއަށް ދިޔަ މަގުމަތީގަ އެވެ.

މައުލޫމާތު އެނގޭ މީހުން ބުނިގޮތުގައި ރަޖީވް މަރުވެފައިވަނީ މާ ގިނައިން ރާ ބުއިމުގެ ސަބަބުންނެވެ.

"އޭނާ ހެނދުނު ހެނދުނާ ރާ ބޯން ފަށާނެ. އަދި ދުވާލުގެ އެކި ގަޑި ގަޑީގައި ވެސް ރާބޯނެ. އެއްފަހަރު އައިފާ އެވޯޑަށް ސައުތު އެފްރިކާއަށް ދާންވެގެން ފްލައިޓަށް އަރާ ސީޓްބެލްޓް ސައިން ނިއްވާލި ވަގުތުން ފެށިގެން ފްލައިޓް ޖައްސަން ދެން އޭނާ ދިޔައީ ރާ ބޮމުން. އެއީ 8-9 ގަޑިއިރުގެ ފްލައިޓެއް،" ނަން ހާމަނުކުރުމަށް އެދި އޭނާ ބުންޏެވެ.

ރާޖީވް ކަޕުރުގެ ޖަނާޒާގައި ކަޕޫރު އާއިލާގެ ގިނަ މެންބަރުން ބައިވެރިވެފައިވާ އިރު ބޮލީވުޑްގެ ގިނަ ތަރިން ވެސް ވަނީ ބައިވެރިވެފަ އެވެ.