ރާއްޖޭގެ އުތުރުން އިގްތިސާދީ ސަރަހައްދުން ބޭރުން އެންމެ ކައިރީގައި އޮންނަ މަލިކުގައި އިންޑިއާ ސިފައިންގެ ވަރުގަދަ އަސްކަރީ މަރުކަޒަކާއި އަސްކަރީ އެއާޕޯޓެއް ހަދަން ނިންމައިފި އެވެ.
ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމުގެ ބޭނުމުގައި މަލިކާއި ލަކްޝަދީގުގެ ރަށެއް ކަމަށްވާ އަގައްޓީގައި ހަދާ ކަނޑުގެ ސިފައިންގެ މަރުކަޒު އިފްތިތާހު ކުރުން އޮންނާނީ އަންނަ މަހު 4-5 ގަ އެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނާތު ސިންގެވެ. އެ ރަސްމިއްޔާތަށް އިންޑިއާގެ އެންމެ ބޮޑެތި މަތިނދާ ބޯޓު އުފުލާ މަނަވަރުތަކާ އެކު 15 މަނަވަރު މަލިކަށް ދާނެ އެވެ. އިންޑިއާ އިން ޕްލޭންކޮށްފައި ވަނީ ކޮމްބައިންޑް ކޮމާންޑާސް ކޮންފަރެންސެއް މާޗް 6-7 އަށް އެ ގައުމުގެ އެންމެ ބޮޑު މަނަވަރުގައި ބާއްވާށެވެ.
އިންޑޯ-ޕެސިފިކުގެ ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ބޭނުމުގައި މަލިކުގައި އަސްކަރީ އާ އެއާޕޯޓެއް ހަދައި އަދި އަގައްޓީގައި މިހާރު އޮތް އެއާޕޯޓް ތަރައްގީ ކުރަން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އިންޑިއާ އިން މިހާރު ވެސް ދަނީ އަންޑަމަން އެންޑް ނިކޯބާރު އައިލެންޑްސްގައި އަސްކަރީ މަރުކަޒުތައް ހަދަމުންނެވެ.
މަލިކާއި ލަކްޝަދީޕް އޮންނަނީ ނައިން-ޑިގްރީ ޗެނަލްގަ އެވެ. މިއީ އެތައް ބިލިއަން ޑޮލަރެއްގެ މުދާ ހިފައިގެން ބޯޓުތައް ކޮންމެ ދުވަހަކު ވެސް ދަތުރުކުރާ ޗެނަލެކެވެ. އިންޑިއާ އިން ބުނެފައި ވަނީ ކަނޑުގެ ސިފައިންގެ މަރުކަޒުތަކުގެ ބޭނުމަކީ ސައުތު-އީސްޓް އޭޝިއާ އަދި ނޯތު އޭޝިއާގެ މަރިޓައިމް ރޫޓް ހިމާޔަތް ކުރުމާއި އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒަށް ކައުންޓާ ޗެލެންޖް ކުރުން ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ތުރާކުނާއި މަލިކާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 70 ވަރަަކަށް މޭލެވެ. ރާއްޖޭގެ އިގްތިސާދީ އިން ވަކިކުރާ ބޯޑަރާއި މަލިކާ ދެމެދު ހުންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 35 މޭލެވެ.
ރާއްޖޭގެ ކަނޑުގެ އިމާ މިހާ ކައިރީގައި އިންޑިއާ އިން އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކުރަން ނިންމި އިރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި އޮޕަރޭޓްކުރާ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ފޮނުވާލާނެ ކަމަށް ބުނެފަ އެވެ. އަދި އެ އުޅަނދުތައް އޮޕަރޭޓްކުރާ އިންޑިއާ ސިފައިން ވެސް ފޮނުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ވަނީ އެ އުޅަނދުތައް ދުއްވަން މަދަނީ މީހުން ތިބޭ ގޮތަށް އެއްބަސްވެފަ އެވެ.
އަނެއްކޮޅުން ރާއްޖޭގެ ހުއްދައާ އެކު ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅޭ ޗައިނާގެ ރީސާޗް އުޅަނދުގެ ހަރަކާތްތައް ހުރި ގޮތުން ވެސް އިންޑިއާ ވަނީ ކަންބޮޑުވެފަ އެވެ. އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން ސިފަކުރަނީ އެއީ ޗައިނާގެ ޖާސޫސީ އުޅަނދެއްގެ ގޮތުގަ އެވެ.